ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޑޯޓްމުންޑުން ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ. އެގޮތުން މެޗުގެ 30 ވަނަ މިނިޓުގައި ޑޮންޔެލް މާލެން ވަނީ ލަނޑެއް ޖަހާ ޑޯޓްމުންޑަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ޖެމީ ގިޓެންސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފް 2-0 ގެ ނަތީޖާއަކުން ޑޯޓްމުންޑް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ފަނަރަވަނަ މިނިޓުގައި އެންޓޯނިއޯ ރުޑިގާ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑްގެ އުންމީދުތައް އައު ކޮށްދީފަ އެވެ.
އަދި އޭގެ ދެ މިނިޓް ފަހުން ވިނީޝިއުސް ޖޫނިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުގައި ރެއާލް މެޑްރިޑަށް ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީ މެޗުގެ 83 ވަނަ މިނިޓުގައި ލޫކަސް ވަޒްކޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ރެއާލް މެޑްރިޑުން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ވިނީޝިއުސް ޖޫނިއާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އިތުރު ވަގުތުގެ ކުޅުމުގައި އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.
މި މެޗުން މޮޅުވުއިރު ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން 6 ޕޮއިންޓާއެކު އެ ޓީމަށް ލިބިފައިވަނީ ތާވަލުގެ ނުވަވަނަ މަގާމެވެ.