ކުޅިވަރު

3 ޕޮއިންޓާއިއެކު ބޭނުމީ ފުރަމަތަ މެޗުންވެސް މޮޅުވާން- އަލްބޭނިޔާ


ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރަން ލިބުނު ފުރަތަމަ ފަހަރުވެސް ބޭނުންވަނީ ފުރަތަމަ މެޗުންވެސް 3 ޕޮއިންޓް ހޯދަންކަމަށް އަލްބޭނިޔާގެ ކޯޗް ޖާނީ ދެބިއަސީ ބުނެފިއެވެ.

އަލްބޭނިޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތައް ކޮލިފައިވެފައިވާއިރު ބިއަސީ ބުނީ މިރޭ ވާދަކުރަންޖެހޭ ސްވިޓްޒަރލެންޑަކީ މޮޅެތި ކުޅުންތެރިން ތިބި ވަރުގަދަ ސްކޮޑަކާއެކު މުބާރާތަށް ނުކުންނަ ޓީމެއް ކަމަށާ އެހެންނަމަވެސް މުބާރާތުގައި އަލްބޭނިޔާއަކީވެސް އެއްވެސް ޓީމަކަށް ދޫނުކުރާނެ ޓީމެއްކަން ސާބިތުކޮށްދޭން ޖެހޭކަމަށެވެ. އަދި އެކަން ސާބިތުކުރުމަށް މިރޭ ކުޅޭ ފުރަތަމަ މެޗް ކާމިޔާބުކުރަން ޖެހޭކަމަށް ބިއަސީ ވަނީ ބުނެފައެވެ. އޭނާ ބުނީ ޓީމުގައި ކޮންމެވެސް ވަރެއްގެ އަނިޔާގެ މައްސަލަތަކެއް ހުރި ނަމަވެސް އެކަމުގެ މާބޮޑު އަސަރެއް މެޗްގައި ނުކުރާނެކަމަށެވެ.

ސްވިޓްޒަރލެންޑްގެ ކޯޗް ވްލަޑިމިރް ޕެޓްކޮވިޗް ބުނީ މުބާރާތުގައި އިތުރަށް ކުރިއަށްދިއުން ބިނާވެފައި އޮތީ މިރޭގެ މެޗުގެ ނަތީޖާއަށް ކަމަށާ މި މެޗް ކާމިޔާބުކުރެވިއްޖެނަމަ ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު ބޮޑުވެގެންދާނެކަމަށެވެ. އަދި އަލްބޭނިޔާއަކީ މޮޅު ޓީމެއް ކަމުން މިރޭގެ މެޗަށް ނުކުންނާނީ ވަރަށް ބޮޑަށް އެކަމަށް ސަމާލުވެގެން ކަމަށްވެސް ޕެޓްކޮވިޗް ވަނީ ބުނެފައެވެ.

މި މެޗްގެ ފޯރި އިތުރަށް ގަދަވާ އެއް ސަބަބަކީ ސްވިޓްޒަރލެންޑް ޓީމުގައި އަލްބޭނިޔާއަށް އުފަން 6 ކުޅުންތެރިން ހިމެނޭކަމެވެ. މި މެޗް ފަށާނީ ރާއްޖެގަޑިން އިރުއޮއްސި 6:00ގައެވެ. މި މެޗް ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ.