ޚަބަރު

ލެބްރޮން ޖޭމްސް އާއި ދަރިފުޅު ބްރޮނީ އެކުގައި ބާސްކެޓް ކޯޓަށް ނިކުމެ ތާރީޚުގެ ތެރެއަށް


އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޮން ޖޭމްސް އާއި އޭނާގެ ދަރިފުޅު ބްރޮނީ އެކުގައި އެންބީއޭގެ ރަސްމީ ސީޒަނުގެ މެޗެއް ކުޅުނު ފުރަތަމަ ދެ ބަފައިންގެ ޝަރަފު ހޯދައިފިއެވެ.

ލެބްރޮން ޖޭމްސްގެ ލޮސްއެންޖަލިސް ލޭކާރސް އާއި މިނެސޮޓާ ޓީމްބަރވޮލްވްސް ކުޅުނު މި މެޗުގައި ބްރޮނީ އާއި ލެބްރޮން ޖޭމްސް ކުޅެފައިވާ މި މެޗު ކާމިޔާބުކޮށްފައިވަނީ ލޮސްއެންޖަލިސް ލޭކާރސް އިންނެވެ. މި މެޗުން ލޭކާރސް އިން ކާމިޔާބު ކޮށްފައިވަނީ 110-103 އިންނެވެ.

އުމުރުން 20 އަހަރުގެ ބްރޮނީ ކޯޓަށް ނިކުތުމާއެކު މެޗު ބަލަންތިބި މީހުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތާއިދުކޮށްފަ އެވެ.

މީގެ ކުރިން އެންބީއޭގެ އެއް ސީޒަނެއްގައި ބައްޕަ އާއި ދަރިއަކު އެއްކޮށް ކުޅެފައެއް ނުވެއެވެ. އަދި ވަކިން ޚާއްސަކޮށް އެއް ޓީމަކުންވެސް ފެނިފައެއް ނުވެއެވެ. ލެބްރޮން ޖޭމްސް އާއި ބްރޮނީ ވަނީ މީގެ ކުރިން ޕްރީ ސީޒަންގައި މި މަހުގެ ކުރީކޮޅު އެއްކޮށް މެޗެއް ކުޅެފަ އެވެ.

އުމުރުން 39 އަހަރުގެ ލެބްރޮން ޖޭމްސް މީގެ ކުރިން ބުނެފައިވަނީ ބާސްކެޓްގައި އޭނާ އެންމެ ދެކެން ބޭނުންވާ ކަމަކީ އޭނާގެ ދަރިފުޅާއިއެކު ބާސްކެޓް މެޗެއް ކުޅުން ކަމަށެވެ.

ލެބްރޮން ޖޭމްސް ވަނީ އެންބީއޭގެ ތާރީޚުގައި އެންމެ ގިނައިން ސްކޯ ކުރި ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. ލެބްރޮންގެ 22 ވަނަ ސީޒަން ކުރިއަށްދާއިރު އޭނާ ވަނީ ހަތަރު ފަހަރު އެންބީއޭ ޗެމްޕިއަންކަން ހޯދާ ތިން ފަހަރު މަތިން އޮލިމްޕިކްސް އިން ރަން މެޑަލް ހޯދާފަ އެވެ.