އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ޕެރިސް މާސްޓާސް ޓެނިސް މުބާރާތުން އެންމެ ފަހުގެ ޗެމްޕިއަން ސާބިއާގެ ނޯވަކް ޖޮކޮވިޗް ވަކިވެއްޖެއެވެ.
އުމުރުން 37 އަހަރުގެ ޖޮކޮވިޗް މި މުބާރާތުން ވަކިވި ސަބަބު ހާމަކޮށްފައިނުވާއިރު, އޭނާ މި ފަހަރުގެ މުބާރާތުގައި ވާދަ ނުކުރާނެކަން މުބާރާތް އިންތިޒާމް ކުރާ ފަރާތުންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޖޮކޮވިޗްގެ ރަސްމީ ސޯޝަލް މީޑިޔާ އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ޕެރިސް މާސްޓަރސްގައި އޭނާ ވާދަ ނުކުރާނެ ކަމަށެވެ. އަދި ޕެރިހުގައި އުފާވެރި ހަނދާންތަކެއް އެބަހުރި ކަމަށާއި ހަތް ފަހަރު ޕެރިސް މާސްޓަރސް ކާމިޔާބުކޮށްފައިވާއިރު އަންނަ އަހަރު އަލުން ކުޅުމުގެ ތެރެއަށް އަންނާނެކަމަށްވެސް އޭނާ ބުނެފަ އެވެ.
ޖޮކޮވިޗް އިތުރަށް ބުނެފައިވަނީ މި މުބާރާތުގައި އޭނާ ވާދަކުރާނެ ކަމަށް ބަލާ އޭނާގެ ކުޅުން ބެލުމަށް ތައްޔާރުވެފައިވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
ޖުމްލަ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށް އަދި 40 މާސްޓަރސް ޓައިޓަލް ހޯދާފައިވާ ޖޮކޮވިޗް މި މުބާރާތުގައި ވާދަ ނުކުރަން ނިންމިއިރު އޭނާ ވަނީ ޓެނިސް ކުޅުން ހުއްޓާލުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށް ދާދި ފަހުން ސައުދި އަރަބިއްޔާގައި ނިމިގެންދިޔަ މުބާރާތަށްފަހު ބުނެފަ އެވެ.