ޚަބަރު

ސްޕާޓާ އަތުން ސިޓީއަށް ފަސޭހަ މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެކް ރިޕަބްލިކުގެ ސްޕާޓާ ޕްރާގާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެން ވަނީ ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ.

މެޗުގެ ފުރަތަމަ ހާފު 1-0 ގެ ނަތީޖާ އަކުން ކުރީގައި އޮވެ ސިޓީން ނިންމާލާފައިވާއިރު, ދެވަނަ ހާފްގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި އޭގެ ހަ މިނިޓު ފަހުން ޖޯން ސްޓޯންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

ސިޓީއިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި ހާލަންޑް ކާމިޔާބުކުރިއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ސިޓީއަށް ލިބުނު ޕެނަލްޓީ އަކުން މެތިއަސް ނޫނެޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފައެވެ.

މި މެޗުގައި ހާލަންޑް ޖެހި ދެ ލަނޑާއެކު ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 44 އަށް އަރާފަ އެވެ. އުމުރުން 24 އަހަރުގައި 44 ލަނޑު ޖަހާފައިވާއިރު ޗެމްޕިއަންސް ލީގުގައި އެންމެ ގިނައިން ލަނޑު ޖަހާ ކުޅުންތެރިއަކަށްވުމުގެ ފުރުސަތު ހާލަންޑަށް ވަރަށް ބޮޑުކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް އެސްޓަން ވިލާއަށް 3 މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ.