ޚަބަރު

ރަފީނިއާގެ ހެޓްރިކާއެކު ބާސެލޯނާއިން ބަޔާން ބަލިކޮށްފި


ޔޫރަޕްގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ރަފީނިއާ ހެދި ހެޓްރިކާއެކު 4-1 ގެ ނަތީޖާކުން ސްޕެއިންގެ ބާސެލޯނާ މޮޅުވެއްޖެއެވެ.

ބާސެލޯނާގެ އޮލިމްޕިކް ލުއިސް ކޮމްޕެނީސް ސްޓޭޑިއަމްގައި ފަންސާސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި ރަފީނިއާ ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ.

ނަމަވެސް އޭގެ 17 މިނުޓް ފަހުން އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ބާސެލޯނާއިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 36 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނިޓުގައި ބާސެލޯނާގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރަފީނިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ބާސެލޯނާއިން ޖެހި ހަތަރުވަނަ ލަނޑު އަދި ރަފީނިއާގެ ތިންވަނަ ގޯލާއިއެކު ހެޓްރިކް ހަދާފައިވަނީ ޔަމާލްގެ އެސިސްޓަކުންނެވެ.

މިދިޔަ ހޫނު މޫސުމުގައި ބާސެލޯނާއިން ރަފީނިއާ ވިއްކާލަން އުޅޭ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މި ސީޒަނުގައި އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް ކުޅުނު 13 މެޗުގައި އޭނާ ވަނީ 9 ގޯލު ޖަހާފަ އެވެ.

މި މެޗުން މޮޅުވުމާއެކު ބާސެލޯނާއަށް ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން 6 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނަ ލިބިފަ އެވެ. ބަޔާން މިއުނިކް އޮތީ ކުޅުނު ތިން މެޗުން 3 ޕޮއިންޓާއެކު 36 ޓީމު ވާދަކުރާ ތާވަލުގެ 23 ވަނައިގަ އެވެ.