ޚަބަރު

ބޯންމަތުން ފަހު ވަގުތު އެސްޓަން ވިލާ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ބޯންމަތު ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

އެސްޓަން ވިލާގެ ވިލާ ޕާކްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވި ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

މެޗުގެ 28 ވަނަ މިނިޓުގައި ވިލާގެ ކެޕްޓަން ޖޯން މެކްގިން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ މެކްގިން އެ ބޯޅަ ގޯލަށް ވައްދާލުމުގެ ކުރިން ވޮޓްކިންސް ހުރަސް ނަގާދީފައިވަނީ ބޯޅަ ކުޅުމުން ބޭރުވެފައިވަނިކޮށް ކަމަށް ނިންމާފަ އެވެ.

މި މެޗުގައި އެސްޓަން ވިލާ އިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 76 ވަނަ މިނިޓުގައި ރޮސް ބާކްލޭ ބޮލުން ގޯލަށް ފޮނުވާލާފައިވާ ހަމަލާ އަކުންނެވެ.

ބޯންމަތުއިން މި މެޗުގައި ޕޮއިންޓެއް ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގެ ފަހު މިނިޓުގައި އެވަނިލްސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މިދިޔަ އޮގަސްޓް މަހު ޕޯޓޯ އިން 40.2 މިލިއަން ޕައުންޑަށް ބޯންމަތުގެ ރެކޯޑް ފީއަކަށް އެ ކްލަބާއި ގުޅުނު އެވަނިލްސަން އެ ކްލަބަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.

މި މެޗު އެއްވަރުވެފައިވާއިރު އެސްޓަން ވިލާ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން 18 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. ބޯންމަތުއަށް ނުވަ މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 11 ވަނައިގަ އެވެ.

މި މެޗަށްފަހު އެސްޓަން ވިލާގެ ކޯޗު އުނައި އެމްރީ ބުނެފައިވަނީ މި މެޗުން ތިން ޕޮއިންޓް ގެއްލިފައިވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ރަގަޅު ގޮތުގައި ހިފިފައިނުވާތީ ކަމަށެވެ.