ޚަބަރު

ވެސްޓް ހޭމް އަތުން ޔުނައިޓެޑް ބަލިވެ، ޓެން ހާގަށް އިތުރު ޕްރެޝަރުތަކެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ފޯމު ގެއްލިފައިވާ މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ވެސްޓްހޭމް ގެ ދަނޑުގައި ކުޅުނު މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެފައިވާއިރު ލީގުގައި މިހާތަނަށް އެ ޓީމު ކުޅުނު 9 މެޗުން ލިވިފައިވާ 11 ޕޮއިންޓާއެކު އެ ޓީމު އޮތީ 14 ވަނައިގަ އެވެ. ވެސްޓްހޭމް ޔުނައިޓެޑް އޮތީ 13 ވަނައިގަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފްގައި މެންޗެސްޓަރ ޔުނައިޓެޑް އިންވަނީ މެޗު ކޮންޓްރޯލްކޮށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ފުރަތަމަ ހާފްގައި ރަގަޅަށް ކުޅުނު ނަމަވެސް ދެވަނަ ހާފްގެ ފެށިގެން ވެސްޓްހޭމް އިން ވަނީ ފުރަތަމަ ހާފާއި އަޅާބަލާއިރު ކުޅުން ރަގަޅުކޮށް ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

އެގޮތުން މެޗުގެ 74 ވަނަ މިނިޓުގައި ވެސްޓްހޭމްގެ ސަމަރވިލް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްއިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ކަސެމީރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި ވެސްޓްހޭމް ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އިން ބޮވެން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މި ޕެނަލްޓީ އާއި ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުންތެރިންގެ އިތުރުން އޮފިޝަލުން ވަނީ ރެފްރީގެ އެ ނިންމުމާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެކަމާއި ގުޅިގެން މެޗަށްފަހު ޕްރިމިއާ ލީގުގެ މެޗު ސެންޓަރގެ އެކްސް އެކައުންޓުގައި ވަނީ އެ ޕެނަލްޓީ ދިން ސަބަބުން ބަޔާންކޮށް ޕޯސްޓެއްވެސް ކޮށްފަ އެވެ.