އިޓާލިއަން ލީގުގައި ރޭ އިންޓަރ މިލާނާއި ވާދަވެރި ޔުވެންޓަސް ބައްދަލުކުރި މެޗު 4-4 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
މިލާނުގެ ގިއުސެއްޕެ މެއާޒާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި އިންޓަރ މިލާނަށް ލިބުނު ޕެނަލްޓީއަކުން ޒިއެލެންސްކީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އިންޓަރ މިލާނަށް މި ލީޑު ދެމެހެއްޓިފައިވަނީ އެންމެ ފަސް މިނިޓަށެވެ. މެޗުގެ 20 ވަނަ މިނިޓުގައި ޔުވެންޓަސްގެ ޑުއާން ވްލަހޮވިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 6 ވަނަ ލަނޑެވެ.
އަދި އޭގެ ހަ މިނިޓު ފަހުން ޔުވެންޓަސްގެ ޓިމޮތީ ވެއާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ޔުވެންޓަސް އަށް ކުރި ހޯދަދީފަ އެވެ.
ޔުވެންޓަސް އިން މި މެޗުގައި ލީޑު ނެގިތާ ނުވަ މިނިޓު ފަހުން އިންޓަރ މިލާންގެ ހެންރިކް މިޚްތާރިޔަން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ 37 ވަނަ މިނިޓުގައި އިންޓަރ މިލާނަށް ލިބުނު ޕެނަލްޓީ އަކުން ޒިއެލިންސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް އިންޓަރ މިލާން އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑު މެޗުގެ 71 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެނާން ޔިލްޑީޒް އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 8 މިނިޓަށް ވެފައިވަނިކޮށް ޔިލްޑީޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި ނަތީޖާއާއިއެކު ލީގުގައި މިހާތަނަށް ކުލުނު 9 މެޗުން އިންޓަރ މިލާނަށް 18 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފައިވާއިރު ޔުވެންޓަސް އަށް 9 މެޗުން ލިބުނު 17 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގަ އެވެ. އެއްވަނައިގައި އޮތް ނަޕޮލީ އަށް ލިބިފައިވަނީ 22 ޕޮއިންޓެވެ.