ޚަބަރު

ބަލޮންޑޯ އެވޯޑް ސްޕެއިންގެ ރޮޑްރީއަށް


ފްރާންސްގެ ފުޓްބޯޅަ މަޖައްލާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީއަށް ލިބިއްޖެއެވެ.

ބަލޮންޑޯ އެވޯޑްގެ ފިރިހެން މޮޅު ކުޅުންތެރިއަކަށް ރޮޑްރީ ހޮވުނުއިރު އޭނާ އާއި އެންމެ ކައިރިން ވާދަކޮށްފައިވަނީ ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއަރ އެވެ. އަދި ތިންވަނަ އަށް ގޮސްފައިވަނީ ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް އެވެ.

އުމުރުން 28 އަހަރުގެ ރޮޑްރީ އަށް މި އެވޯޑް ލިބުނުއިރު މިއީ މި މަގާމަށް އޭނާ ހޮވުނު ފުރަތަމަ ފަހަރެވެ. ރޮޑްރީ ވަނީ މިދިޔަ ސީޒަނުގައި އެންމެ މެޗެއް ފިޔަވާ ހުރިހާ މެޗެއްގައި މެންޗެސްޓަރ ސިޓީ އާއި ސްޕެއިންގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި އޭނާ ވަނީ ސްޕެއިން އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން މެންޗެސްޓަރ ސިޓީން ޕްރިމިއާ ލީގާއި ޔޫއެފާ ސުޕަރ ކަޕްގެ އިތުރުން ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ބަލޮންޑޯ އެވޯޑް ރޮޑްރީ ކާމިޔާބުކުރިއިރު, މިއީ މެންޗެސްޓަރ ސިޓީގެ ކުޅުންތެރިއަކަށް މި މަގާމް ލިބުނު ފުރަތަމަ ފަހަރެވެ.

ތިންވަނައަށް ދިޔަ އިނގިރޭސިވިލާތުގެ ޖޫޑް ބެލިންހަމް ވެފައިވަނީ 2005 ވަނަ އަހަރު ބަލޮންޑޯ އެވޯޑްގެ ދެވަނަ އަށް ޗެލްސީގެ ފްރެންކް ލަމްޕާޑް ދިޔަ ފަހުން އިނގިރޭސި ކުޅުންތެރިއަކަށް ގަދަ ތިނެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށްފަހު އެންމެ ގިނަ ބަޔަކު ބަލައިގަންނަ ބަލޮންޑޯ އެވޯޑްގެ މަގާމުތަކަށް ކުޅުންތެރިން ހޮވާފައިވަނީ ފީފާ ރޭންކިންގެ ގަދަ 100 ގެ ތެރޭގައި ހިމެނޭ ގައުމުތަކުގެ ނޫސްވެރިންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މި އަހަރުގެ އެވޯޑް ވެފައިވަނީ 2003 ވަނަ އަހަރަށްފަހު އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ނޮމިނޭޓް ނުވެ މި ހަފްލާ ބާއްވާ ފުރަތަމަ ފަހަރަށެވެ.

އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ސްޕެއިން އާއި ބާސެލޯނާގެ އައިޓާނާ ބޮންމަޓީ ހޮވިފައިވާއިރު އެންމެ މޮޅު ގޯލުކީޕަރަކަށް ހޮވިފައިވަނީ މިދިޔަ އަހަރުވެސް މި މަގާމު ހޯދި އެސްޓަންވިލާއަށް ކުޅެމުންދާ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޓް އެވެ. އަދި އަހަރުގެ އެންމެ މޮޅު ޓީމަކަށް ސްޕެއިންގެ ރެއާލް މެޑްރިޑް ހޮވިފައިވާއިރު އެންމެ ގިނަ ލަނޑު ޖަހައިގެން ދޭ ރަން ބޫޓް ހޯދާފައިވަނީ އިނގިރޭސިވިލާތުގެ ހެރީ ކޭން އާއި ފްރާންސްގެ ކިލިއަން އެމްބާޕޭ އަށެވެ.