ދުނިޔެ

އޮލާންޑޯގެ ނައިޓްކްލަބަށް ހަމަލާ ދިނީ އައިއެސްއިން


އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ އޮލާންޑޯގެ ނައިޓްކްލަބަށް ދިން ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލައިފިއެވެ.

އައިއެސްގެ "އަލްއަޢްމާޤް" ނޫސްއެޖެންސީން ބުނެފައިވަނީ އޮލާންޑޯގެ މި ނައިޓް ކްލަބަށް ބަޑީގެ ހަމަލާތައް ދިނީ އެޖަމާއަތަށް ނިސްބަތްވާ މީހެއްކަމަށާ އަދި އެޙަމަލާތަކުގެ ފަހަތުގައިވަނީވެސް އެޖަމާއަތް ކަމަށެވެ.

އާދީއްތަ ދުވަހު އޮލާންޑޯ ގެ ނައިޓް ކްލަބަށް ދިން ބަޑީގެ ޙަމަލާތަކުގައި މަރުވި މީހުންގެ އަދަދު ފަންސާހަށް އަރާފައިވާއިރު އެޙަމަލާތަކުގައި އިތުރު 53 މީހުން ޒަޚަމްވެފައިވެއެވެ. މިއީ އެމެރިކާގެ ތާރީޚަށް ބަލާއިރުވެސް ހަތިޔާރު އަޅައިގެންހުރި މީހަކު ދިން ބަޑީގެ ޙަމަލާތަކެއްގައި މިހާގިނަ އަދަދެއްގެ މީހުން އެއްފަހަރާ މަރުވި ފުރަތަމަ ފަހަރެވެ.

މިހަމަލާތައް ދިނީ އަފްޣާން ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެއްކަމަށްވާ އުމަރު ސަދީގް މަތީން ނަމަކަށްކިޔާ އުމުރުން 29 އަހަރުގެ މީހެކެވެ. ބަޑީގެ ޙަމަލާތަކަށްފަހު އުމަރު މަތީން ވަނީ އެނައިޓް ކްލަބްގައި ތިބި އެތަށްބަޔަކު ރަހީނުކޮށްފައެވެ. ރަހީނުކުރި މީހުން ސަލާމަތް ކުރުމަށާއި އުމަރުމަތީން ހައްޔަރުކުރުމަށް ފްލޮރިޑާގެ ފުލުހުން ދިން ހަމަލާތަކުގައި މަތީންވެސްވަނީ މަރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން އޮލާންޑޯ ނައިޓް ކްލަބަށް ބަޑީގެ ޙަމަލާތައް ދިންވަގުތު މަތީންވަނީ އެމެރިކާގެ އަމަނާބެހޭ އިމަޖެންސީ ނަންބަރެއްކަމަށްވާ ނުވައެއް އެގާރައަށް ގުޅައި އޭނާއަކީ އައިއެސް ޖަމާއަތަށް ނިސްބަތްވާ މީހެއްކަން ހާމަކޮށްފައެވެ. އެމެރިކާގެ ފެޑްރަލް ފުލުހުންގެ އިދާރާ "އެފްބީއައި" އިންވެސްވަނީ އިމަޖެންސީ ނަންބަރަށް މަތީން ގުޅައި އޭނާއަކީ އައިއެސް ގެ މެންބަރެއްކަން ހާމަކުރިކަން ކަށަވަރުކޮށްދީފައެވެ. އަދި  2013 ވަނަ އަހަރާއި 2014 ވަނަ އަހަރާދެމެދު މަތީންގެ މައްޗަށް ތަހްގީގްތަކެއް ހިންގާފައިވާކަމާ ނަމަވެސް އެއަށްފަހު ފާރަލުމެއްނެތި އޭނާ ދޫކޮށްލާފައިވާކަމަށް އެފްބީއައި އިން ބުނެއެވެ. ނަމަވެސް މަތީންއާއި އައިއެސް ޖަމާއަތާ ދެމެދު ގުޅުންވާކަން ނުވަތަ ނޫންކަން އަދި ކަށަވަރު ނުވާކަމަށް އެފްބީއައި ގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

އޮލާންޑޯ ގެ ނައިޓް ކްލަބަށް ދިން ބަޑީގެ ޙަމަލާތަކާ ގުޅިގެން ފްލޮރިޑާގެ ގަވަރުނަރު ރިކް ސްކޮޓް ވަނީ އެސްޓޭޓްގައި ކުއްލި ހާލަތު އިޢްލާންކުރައްވާފައެވެ. އަދި އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ މިއީ ރަހުމެއްނެތް ބިރުވެރި ޓެރަރިސްޓް ޙަމަލާތަކެއް ކަމަށް ސިފަކުރައްވާފައެވެ. އަދި މިޙަމަލާތަކަކީ ހަމައެކަނި އޮލާންޑޯގެ ނައިޓް ކްލަބަށް ދިން ޙަމަލާތަކެއް ނޫންކަމަށާ މިއީ މުޅި އެމެރިކާއަށް ދިން ޙަމަލާތަކެއްކަމަށް އޮބާމާ ވިދާޅުވިއެވެ. އަދި މިޙަމަލާތަކާ ގުޅިގެން ބިރުގަނެ ފަހަތަށް ޖެހުމުގެ ބަދަލުގައި އެމެރިކާގެ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް އިތުރަށް މަސައްކަތްކޮށް އެމެރިކާއަށް ޓެރަރިސްޓް ހަމަލާތައް ދޭން ރާވާ ފަރާތްތައް ދުރާލައި ދެނެގަތުމުގެ ގާބިލްކަން އެމެރިކާ ހޯދަންޖެހޭކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.

އޮލާންޑޯގެ ނައިޓް ކްލަބަށް ޓެރަރިސްޓް ޙަމަލާތަކެއްދީ ފަންސާހަށްވުރެ ގިނަ މީހުން މަރާލައި މިވަނީ ޓެރަރިޒަމްގެ ނުރައްކަލެއް އެމެރިކާއަށް ނެތްކަންކަން އެމެރިކާގެ އަމަނާބެހޭ ދާއިރާތަކުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ޓެރަރިޒަމްގެ ނުރައްކާތަކާ ކުރިމަތިލުމުގައި އެމެރިކާގެ އަމަނާބެހޭ އިދާރާތަކުގެ ގާބިލްކަން ކުޑަމިންވަރު މިހަމަލާތަކުން އެނގިގެން ގޮސްފައިވާކަމަށް ތަޖްރިބާކާރުން ދެކެއެވެ.

އޮލާންޑޯއަށް ދިން ޓެރަރިސްޓް ޙަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ އެޙަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރްދީ ފާޅުކުރުމުގެ ގޮތުން ވައިޓް ހައުސްގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް އަމުރުކުރައްވާފައެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް ބަޑިއާއި ފިސްތޯލަފަދަ ހަތިޔާރުތައް ފަސޭހައިން ލިބެން ހުރުމަކީ މިފަދަ ހަމަލާތައް ދިނުމަށް މެދުވެރިވާ ސަބަބެއްކަންވެސް އޮބާމާ ފާހަގަ ކުރެއްވިއެވެ.