އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމާއި ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް، އޭނާގެ މުސްތަގުބަލާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ބުނެފިއެވެ.
ޔުނައިޓެޑްގެ ކޯޗު ކަމުގެ މަގާމުން އެރިކް ޓެން ހާގް ވަކިކުރުމަށްފަހު އެ މަގާމާއި ހަވާލުވުން އެންމެ ގާތް ކޯޗަކީ އަމޮރިމް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފައިވާއިރު އޭނާ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާގެ މިހާރުގެ ކުލަބު ސްޕޯޓިން އިންވެސް ވަނީ ބުނެފައެވެ.
ޕޯޗުގަލް ލީގު ކަޕުގެ ކުއާޓަރ ފައިނަލުގައި ނޭޝަނަލްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމޮރިމް ބުނެފައިވަނީ އެ މެޗަކީ އޭނާ އެ ކްލަބަށް އިރުޝާދު ދޭ ފަހު މެޗަށްވާނެކަން އަދި ނޭނގޭ ކަމަށާއި އޭނާގެ މުސްތަގުބަލާއި މެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
އަމޮރިމް އިތުރަށް ބުނެފައިވަނީ މިއަދު ބާއްވާ ސްޕޯޓިންގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވާނެ ކަމަށެވެ. ނަމަވެސް ޔުނައިޓެޑާއި ޗެލްސީ އަންނަ އާދީއްތަ ދުވަހު ކުޅޭ މެޗުގައި އޯލްޑް ޓްރެފަޑުން ފެނިދާނެތޯ ސުވާލު ކުރުމުން އޭނާ ހުންނާނީ ޕޯޗުގަލްގައި ކަމަށް ބުނި ނަމަވެސް، ފަހުން ބުނެފައިވަނީ އޭނާ އެ މެޗުގައި ހުންނާނެ ތަނެއް އަދި ނޭނގޭ ކަމަށެވެ.
ޓެން ހާގް މަގާމުން ވަކިކޮށްފައިވަނީ ލީގުގައި މި ހަފުތާގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުގައެވެ. ލީގުގެ 14 ވަނައިގައި މިވަގުތު ޔުނައިޓެޑް އޮތްއިރު މި ސީޒަނުގައި އެ ޓީމުން ދައްކަދަމުންދާ ދަށް ކުޅުމަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.