އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ގަތަރުގެ އަކުރަމް އަފީފް ހޯދައިފިއެވެ. މިއީ މި މަގާމު އޭނާއަށް ލިބުނު ދެވަނަ ފަހަރެވެ.
އޭޝިޔާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެވޯޑް ދިނުމަށް ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އަފީފަށް މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު ލިބުނުއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖަޕާނުގެ ކީކޯ ސެއިކޭއެވެ.
2019 ވަނަ އަހަރުވެސް އެންމެ އޭޝިޔާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އަފީފަށް މި ފަހަރުގެ އެވޯޑް ލިބިފައިވަނީ މި އަހަރުގެ ކުރީކޮޅު ގަތަރުގައި ބޭއްވި އޭޝިއަން ކަޕް، އެ ގައުމަށް ކާމިޔާބުކޮށްދިނުމުގައި އޭނާ އަދާކޮށްފައިވާ ދައުރަށް ބެލުމަށްފަހުގައެވެ.
ގަތަރުގެ އަލް ސޯދު ފުޓްބޯޅަ ކުލަބަށް ކުޅޭ އުމުރުން 27 އަހަރުގެ އަފީފް ވެފައިވަނީ އޭޝިއަން ކަޕްގެ ތާރީޚުގައިވެސް މި މުބާރާތުގެ ފައިނަލުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ. އަދި މުޅި މުބާރާތުގައި އޭނާ ވަނީ 8 ލަނޑު ޖަހައިގެން، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
ދެވަނަ ފަހަރަށް މި މަގާމް އަފީފަށް ލިބުމާއެކު އޭނާ ވެފައިވަނީ އޭޝިޔާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެވަނަ ފަހަރަށް ހޯދި ތިންވަނަ ކުޅުންތެރިޔާއަށް ވެފައެވެ. މީގެ ކުރިން މި ޝަރަފު ދެ ފަހަރު މަތިން ހޯދާފައިވަނީ ޖަޕާނުގެ ހިޑެތޯޝީ ނަކާޓާ އާއި އުޒްބެކިސްތާނުގެ ޖެޕަރޯވް އެވެ.