ޚަބަރު

ކުވެއިތުގެ އަލް އަރަބި އަތުންވެސް މާޒިޔާ ބަލިވެއްޖެ


އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ދެވަނަ މެޗުގައި ކުވެއިތުގެ އަލް އަރަބި ސްޕޯޓްސް ކުލަބު އަތުން ބަލިވެއްޖެއެވެ.

އޭއެފްސީން މި ފަހަރު އަލަށް ފެށި ތިންވަނަ ފަންތީގެ ކުލަބު ފުޓްބޯޅަ މުބާރާތުގައި މާޒިޔާ ވާދަކުރަމުން އަންނައިރު، އެ ޓީމުގެ ހިމެނޭ ގްރޫޕް ބީގެ މެޗުތައް ކުރިއަށްދަނީ ސެންޓްރަލައިޒްކޮށްގެން ކުވެއިތުގައެވެ. އަލް ކުވެއިތު ސްޕޯޓްސް ކުލަބުގައި ރޭ ކުޅުނު މެޗު އަލް އަރަބިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އަލް އަރަބިން ކާމިޔާބުކުރި ދެ ލަނޑުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ވަރަށް ކުރީކޮޅެވެ. އެގޮތުން މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި އަލް އަރަބިން ލީޑު ނެގިއިރު، ހަމްޒާ ޚަބާ ނަގާދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް މަޖީދެވެ. އަދި އޭގެ މިނެޓެއް ފަހުން އަލީ ޚަލަފް ވަނީ އިތުރު ލަނޑެއް ޖަހައި، އަލް އަރަބީގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުން މާޒިޔާ ބަލިވިއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ތުރުކުމެނިސްތާން ޗެމްޕިއަން އަރްކަޑަގް އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. ޗެލެންޖް ލީގުގެ ގްރޫޕް ބީގައި މާޒިޔާއާ އެއް ގްރޫޕެއްގައި ހިމެނެނީ އަރްކަޑަގާއި، އަލް އަރަބީގެ އިތުރުން ކިރްގިސްތާން އެފްސީ އަބްދީޝް-އާޓާއެވެ.

މި ވަގުތު މި ގްރޫޕް ތާވަލުގެ އެއްވަނައިގައި އޮތް އަރްކަޑަގަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އަބްދީޝް އާއި ތިންވަނައިގައި އޮތް އަލް އަރަބީއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް މާޒިޔާއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޗެލެންޖް ލީގުގެ ވެސްޓް ޒޯނުގައި އޮތީ ތިން ގްރޫޕެކެވެ. ތިން ގްރޫޕުން އެއްވަނައަށް ދާ ޓީމުތަަކަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވާއިރު، ދެން ކުއާޓާއަށް ދަތުރުކުރާނީ އެ ތިން ގްރޫޕުގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.

މި މުބާރާތުގައި މާޒިޔާ ކުޅޭ ފަހު މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ބައްދަލުކުރާނީ އަބްދީޝްއާ ދެކޮޅަށެވެ.