ޚަބަރު

ޖަރުމަން ކަޕް: ވުލްފްސްބާގް އަތުން ބަލިވެ ޑޯޓްމުންޑް ކަޓައިފި


ޖަރުމަން ކަޕުގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ވުލްފްސްބާގް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ، ބޮރޫޝިއާ ޑޯޓްމުންޑް މުބާރާތުން ކަޓައިފިއެވެ.

މިއީ މިދިޔަ އެއްހަފްތާގެ ތެރޭގައި ޑޯޓްމުންޑް ބަލިވި ތިންވަނަ ފަހަރެވެ. މީގެކުރީން، ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިނުގެ ރެއާލް މެޑްރިޑް އަތުން 5-2 ގެ ނަތީޖާއަކުން ބަލިވިއިރު، ޖަރުމަނު ލީގުގައި އައުސްބާގް އަތުން ބަލިވީ 2-1 އިންނެވެ.

ވުލްފްސްބާގްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޑޯޓްމުންޑްގެ މެކްސްމިލިއަން ބެއިއާ އާއި ސެރްހޫ ގިރާސީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ.

އޭގެނަތީޖާއެއްގެ ގޮތުން، ވުލްފްސްބާގުން ވަނީ މެޗުގެ ފަހުބައިގައި އެ ޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ. ދެ ޓީމުގެ މެދުގައި ކުޅެވުނު މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ލަނޑެއްނުޖެހި އެއްވަރުވުމުން ދެން ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގައި ވުލްފްސްބާގްގެ ޓިއާގޯ ތޯމަސް ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

އަދި އޭގެފަހުން، އިތުރުވަގުތުގެ ފަހު ހާފުގެ ކުޅުން ނިމެން ހަ މިނެޓަށްވެފައިވަނިކޮށް، ވުލްފްސްބާގްގެ ޖޯނަސް ވިންޑް ފޮނުވާލި ބޯޅައެއް ޑޯޓްމުންޑްގެ ރާމީ ބެންސެބައިނީ ސަލާމަތްކުރީ ގޯލްގެ ރޮނގުމަތީންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 117 ވަނަ މިނެޓުގައި ވުލްފްސްބާގަށް ކާމިޔާބުކޮށްދިނީ ވިންޑް އެވެ. އޭނާ މި ލަނޑުޖެހީ ގޯލާ ގާތްގަނޑަކަށް އަށެއްކަ މީޓަރު ދުރުން ފޮނުވާލި ހަމަލާއަކުންނެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނުން ވަނީ 3-0 ގެ ނަތީޖާއަކުން ދެވަނަ ޑިވިޝަނުގެ އެލްވާސްބާގް ބަލިކޮށްފައެވެ. އާރްބީ ލީޕްޒިގުން ވަނީ 4-2 އިން ސެއިންޓް ޕައުލީ އަތުން މޮޅުވެފައެވެ.