ޚަބަރު

ޗެލްސީ ބަލިކޮށް ނިއުކާސަލް ކުއާޓާ ފައިނަލަށް


އިނގިރޭސި ލީގު ކަޕުގެ ގަދަ 16 ބުރުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ނިއުކާސަލް ޔުނައިޓެޑުން ހޯދައިފިއެވެ.

ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު މި ދެ ޓީމު ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފައިވާއިރު, ރޭގެ މެޗުގައި ކޯޗް އެންޒޯ މަރެސްކާ ވަނީ އެ މެޗުގައި ކުޅުނު ގިނަ ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތުދީ، ބަދަލު ކުޅުންތެރިންނަށް މި މެޗުން ފުރުސަތު ދީފައެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ރޭ ކުޅުނު މެޗުގެ 23 ވަނަ މިނިޓުގައި އެލެކްޒެންޑާ އިސާކް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އޭނާ ވަނީ ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުގައިވެސް ޗެލްސީ ކޮޅަށް ލަނޑު ޖަހާފައެވެ. ނިއުކާސަލުން މި މެޗުގެ 26 ވަނަ މިނިޓުގައި ޖަހާފައިވާ ދެވަނަ ލަނޑަކީ ޗެލްސީގެ ޑިސާސީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފްގައި ޗެލްސީގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން ޖޮއާއޯ ފީލިކްސްއަށް ލިބުނު ރަނުގެ ފުރުސަތު އޭނާ ވަނީ ނަގާލާފައެވެ. އަދި ނޯނީ މަޑުއޭކޭ ކުޅެން އެރުވުމާއެކު ޗެލްސީގެ ކުޅުން އިތުރަށް ރަނގަޅުވި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފައެވެ.

2022-23 ވަނަ އަހަރުގެ ލީގު ކަޕުގެ ފައިނަލުގައި ކުޅެފައިވާ ނިއުކާސަލް ޔުނަޓެޑަށް ވަނީ 1955 ވަނަ އަހަރަށްފަހު އިނގިރޭސިވިލާތުގެ ފުޓްބޯޅަ މުބާރާތެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.