ޚަބަރު

ނިސްޓެލްރޫއީގެ ފުރަތަމަ މެޗުން ޔުނައިޓެޑް މޮޅުވެއްޖެ


މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވި ނެދަލަންޑްސްގެ ރޫޑް ވެންނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ލެސްޓާ ސިޓީ އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ރޭ ކުޅުނު އިނގިރޭސި ލީގު ކަޕުގެ ގަދަ 16 ބުރުގެ މެޗު ކާމިޔާބުކޮށް އެ ޓީމުން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ 15 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ކަސެމީރޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. އަދި އޭގެ 13 މިނިޓު ފަހުން ގާނާޗޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

ލެސްޓާއިން ވަނީ މި މެޗުގައި ޔުނައިޓެޑްގެ ޑިފެންސް ލައިންއިން ހަދަމުންދިޔަ ގޯސްތަކުގެ ފައިދާ ނަގާ މެޗުގެ 33 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބިލާލް އެލްކަނޫސްއެވެ.

އެކަމަކު ލެސްޓާއިން ލަނޑެއް ޖެހިތާ ތިން މިނިޓު ފަހުން ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި 39 ވަނަ މިނިޓުގައި ކަސެމީރޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ކުޅުމުގައި ލެސްޓާގެ ކޮނޯ ކޯޑީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.

ޔުނައިޓެޑްގެ ކޯޗު ކަމުން އެރިކް ޓެންހާގް ވަކި ކުރުމަށްފަހު އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ޖެހި ފަސްވަނަ ލަނޑު މެޗުގެ 59 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދީފައިވަނީ ބްރޫނޯ ފެނާންޑޭޒްއެވެ.