ބޫޓާން ޓީ20 އިންޓަނޭޝަނަލް ކުއަޑްރަންގިއުލާ ސީރީސްގައި ވާދަކޮށް ރިހި މެޑަލް ހޯދި ގައުމީ ކްރިކެޓް ޓީމުގެ ކާމީޔާބީ ފާހަގަކުރުމަށް ޚާއްސަ ހަފުލާއެއް ބާއްވައިފިއެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ ކުރިކެޓް ދަނޑުގައި ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ. މި ހަފުލާގައި ވަނީ ގައުމީ ކްރިކެޓް ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ އަގުވަޒަން ކުރުމުގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ރާއްޖެ ޓީމުގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތާއި، ރާއްޖެ ޓީމުން އެންމެ ގިނަ ވިކެޓް ނެގި އިބްރާހީމް ރިޒާނަށް ޚާއްސަ ހަނދާނީ ފިލާއެއް ދީފައެވެ.
ބޫޓާންގެ ފުރަތަމަ ކްރިކެޓް ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި މި މުބާރާތުގައި އެ ގައުމުގެ އިތުރުން ދެން ވާދަކުރީ ރާއްޖެ އާއި، އިންޑޮނޭޝިއާ އަދި ތައިލެންޑެވެ. މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރި ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން މެޗު ނުކުޅެ ތައިލެންޑަށް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ދީފައެވެ. އެއީ މުބާރާތުގެ ގަވާއިދު އޮތް ގޮތުން މެޗު ނުކުޅޭ ހާލަތެއް އަތުވެއްޖެ ނަމަ ޗެމްޕިއަންކަން ދޭނީ ލީގު ބުރުން އެއްވަނަ ޓީމެވެ.
އެއާއެކު ތައިލެންޑަށް ޗެމްޕިއަންކަން ލިބުނުއިރު ދެވަނަ ލިބުނީ ރާއްޖެއަށެވެ. ރާއްޖެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ބޫޓާން ހަތް ވިކެޓުން ބަލިކޮށްގެންނެވެ. މި މެޗުގައި ބޫޓާން އަތުން ރާއްޖެ މޮޅުވިއިރު، ލީގު ބުރުގައި ރާއްޖެ ވަނީ ބޫޓާން އަތުން ހަތަރު ވިކެޓުން ބަލިވެފައެވެ.
ރާއްޖޭން އެންމެ ފަހުން، އިންޓަނޭޝަނަލް ކްރިކެޓް ފައިނަލެއްގައި ކުޅުނީ 2010 ވަަނަ އަހަރު ތައިލެންޑުގައި ބޭއްވި އޭސީސީ ޓްރޮފީ ޗެލެންޖް މުބާރާތުގައެވެ. އެ މުބާރާތުގެ ފައިނަލުގައި ސައުދީ އަރަބިއްޔާ އަތުން އެއް ވިކެޓުން ވަަނީ މޮޅުވެފައެވެ. މިއީ 14 އަަހަރު ތެރޭ ފުރަތަމަ ފަހަރަށް މުބާރާތެއްގެ ފައިނަލަށް ރާއްޖޭގެ ގައުމީ ޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ.