ޚަބަރު

ޖަމްޢިއްޔާތައް ރަނގަޅަށް މޮނިޓަރއެއް ނުކުރެވޭ- މިނިސްޓްރީ


ރާއްޖޭގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތައް މޮނިޓަރކުރެއްވުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. ޖަމިއްޔާތައް މޮނިޓަރ ކުރެއްވުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ކުރައްވަމުން ގެންދެވި ނަމަވެސް، އެމަސައްކަތް އެހާ ފުޅާދާއިރާއެއްގައި ކުރައްވަމުން ނުގެންދަވާކަމަށް ހޯމް މިނިސްޓްރީ ވިދާޅުވެއެވެ. އެހެންނަމަވެސް ޖަމިއްޔާތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ކޮންމެއަހަރަކު ޖަމިއްޔާތަކުން ހޯމް މިނިސްޓްރީއަށް ހުށައަޅަންޖެހޭ އަހަރީ ރިޕޯޓް އަހަރުން އަހަރަށް ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އަހަރީ ރިޕޯޓް ހުށަނާޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، އަހަރީ ރިޕޯޓްގައި ހިމެނޭ ކަންކަން ދިރާސާ ކުރައްވައި ފިޔަވަޅު އެޅުއްވުމުގެ މަސައްކަތް ހޯމް މިނިސްޓްރިން ގެންދަވަނީ ކުރައްވަމުންނެވެ. ހޯމް މިނިސްޓްރީން ގެންދަވަނީ ޖަމިއްޔާތަކުގެ އެތެރޭގެ އިންތިޚާބުތައް މޮނިޓަރ ކުރައްވައި، ޖަމިއްޔާތަކުގެ އެތެރޭގައި ދިމާވާ މައްސަލަތައް ޙައްލުކުރެއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ބައެއް ޖަމިއްޔާތަކުގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ބައެއް ޖަމިއްޔާތަކުގެ ހަރަކާތްތައް ހުޢްޓުމަކަށް އަންނަކަމަށާއި، އެހެން ނަމަވެސް އެފަދަ މައްސަލަތަކުގެ ސަބަބުން ޖަމިއްޔާތަކުގެ ހަރަކާތްތައް މުޅިން ހުއްޓުމަކަށް އައުމުގެ ފުރުޞަތު ނުދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި މަދަނީ ޖަމިއްޔާތަކުގެ ހަރަކާތްތަކަށް ބަލާލާއިރު ޒުވާނުންގެ ބައިވެރިވުން ހިމެނޭ، ޒުވާނުން އިސްސަފުގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިޖްތިމާއީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ތިމާވެއްޓާ ގުޅުންހުރި ހަރަކާތްތަކާއި، ޒުވާނުން މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް ހޭލުންތެރި ކުރުވުމުގެ ހަރަކާތްތައް ކްލަބް ޖަމިއްޔާތަކުން ހިންގައެވެ. މީގެ އިތުރުން ތައުލީމާއި، ޒުވާނުންގެ ތަރައްޤީއާ ސީދާ ގުޅުންހުރި ހަރަކާތްތައްވެސް ބައެއް ޖަމިއްޔާތަކުން ކުރިއަށްގެންދެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމިއްޔާތައްވެސް ގިނަކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން އެފަދަ ޖަމިއްޔާތަކަށް ފަހި ފުރުޞަތު ހޯއްދަވައިދެއްވުމަކީ ސަރުކާރުން އިސްކަންދެއްވާ ކަމެއްކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގެ އިޖްތިމާއީ ނިޒާމުގައިވެސް ކްލަބް ޖަމިއްޔާތައް މުހިންމު ދައުރެއް އަދާކުރެއެވެ.