ޚަބަރު

ޕާމާއާ އެއްވަރުކޮށް ޔުވެންޓަސްއިން ރިކޯޑު ދަމަހައްޓައިފި


އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-2 ގެ ނަތީޖާއަކުން ޕާމާއާ އެއްވަރުކޮށް، ޔުވެންޓަސްއިން ބަލިނުވުމުގެ ރިކޯޑު ދަމަހައްޓައިފިއެވެ.

މިއީ ލީގުގައި އެ ޓީމުން ބަލިނުވެ ފުރިހަމަކުރި 10 ވަނަ މެޗެވެ. އޭގެތެރެއިން ހަތަރު މެޗުން މޮޅުވެފައިވާއިރު، އަނެއް ހަ މެޗުން ވަނީ އެއްވަރުވެފައެވެ.

މި ނަތީޖާއާއެކު ޔުވެންޓަސްއަށް މިހާތަނަށް ކުޅުނު 10 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ނާޕޮލީ އާއި އެ ޓީމާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް 10 މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެޓަލާންޓާއަށް ލިބިފައިވަނީ 10 މެޗުން 19 ޕޮއިންޓެވެ.

އެލިއާންޒް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ލީޑު ނެގީ ޕާމާ އިންނެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އެންރީކޯ ޑެލް ޕްރާޓޯ އެވެ. އޭގެފަހުން، މެޗުގެ 31 ވަނަ މިނެޓުގައި އެމެރިކާގެ ފޯވާޑް، ޓިމޮތީ ވެއާ ދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވެސްޓަން މެކެނީ ނަތީޖާ ހަމަހަމަކޮށްދީފައިވަނިކޮށް، އޭގެ ހަތް މިނެޓުފަހުން، ސިމޯން ސޮމް ވައްދާލި ލަނޑާއެކު ޕާމާއިން ފުރަތަމަ ހާފު ނިންމާލީ 2-1 ގެ ނަތީޖާއަކުން ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަރަކަށް މިނެޓުގެ ތެރޭގައި، ޔުވެންޓަސްއަށް އަލުން އެއްވަރުކޮށްދިނީ ޓިމޮތީ ވެއާއެވެ. އޭނާ މި ލަނޑު ޖެހީ ފްރާންސިސްކޯ ކޮންސެސާއޯ ނަގައިދިން ހުރަހެއްގެ އެހީގައި ވޮލީއަކުން ކާމިޔާބުކުރި ގޯލަކުންނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާން ވަނީ ރަށުން ބޭރުގައި 3-0 އިން އެމްޕޯލީ ބަލިކޮށްފައެވެ. އިންޓަރގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ޑެވިޑޭ ފްރަޓޭސީ އެވެ. އަނެއް ލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ލައުޓާރޯ މާޓިނޭޒްއެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެމްޕޯލީގެ ޒުވާން ޑިފެންޑަރު، ސާބާ ގޮގްލިޗިޑްޒޭއަށް ރަތް ކާޑު ދެއްކުމުން، އެ ޓީމުން ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުއެވެ.