ޚަބަރު

ބްރައިޓަން ބަލިކޮށް ލިވަޕޫލް އެއްވަނައަށް


މި މެޗުން މޮޅުވުމާއެކު ލިވަޕޫލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން 25 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ ދިހަ މެޗުން 23 ޕޮއިންޓެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ބްރައިޓަން އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފާޑީ ކަޑިއޮގްލޫ އެވެ.

ކަރަބާއޯ ކަޕްގައި ވެސް މިދިޔަ ހަފްތާގައި މި ދެ ޓީމު ބައްދަލު ކޮށްފައިވާއިރު އެ މެޗު 3-2 ގެ ނަތީޖާއަކުން ލިވަޕޫލް އިން ކާމިޔާބުކުރިއިރު އެ މެޗުގައި ކޯޑީ ގެކްޕޯ ވަނީ ދެ ލަނޑު ޖަހާފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލްއިން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ޓީމަށް ވަނީ އެކަން ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ލިވަޕޫލް އިން މި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި ކޯޑި ގެކްޕޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި އޭގެ ދެ މިނިޓު ފަހުން މުހައްމަދު ސަލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުން ލިވަޕޫލް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މިއީ ލިވަޕޫލްގެ ކޯޗުކަމާއި އަލަށް ހަވާލުވު ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 15 މެޗުގެ ތެރެއިން އެ ޓީމު މޮޅުވި 13 ވަނަ މެޗެވެ.