ޚަބަރު

ތިލަކް އާއި ސެމްސޮންގެ ސައްތައާއެކު އިންޑިއާއިން ޓީ20 ސީރީޒް ކާމިޔާބުކޮށްފި


ދެކުނު އެފްރިކާގައި މިހާރު ކުރިއަށްދާ ޓީ20 އިންޓަރނޭޝަނަލް މެޗުތަކުގެ ތެރެއިން ހަތަރުވަނަ މެޗުގައި ތިލަކް ވަރްމާ އާއި ސަންޖޫ ސެމްސޮން ހެދި ސައްތައާއެކު އިންޑިއާއިން 3-1 ގެ ނަތީޖާއަކުން ސީރީޒް ކާމިޔާބުކޮށްފިއެވެ.

މި ޓީ20 ސީރީޒްގެ ފުރަތަމަ މެޗުން 61 ލަނޑުގެ ތަފާތަކުން އިންޑިއާ މޮޅުވެފައިވަނިކޮށް، ދެވަނަ މެޗުން ދެކުނު އެފްރިކާ މޮޅުވީ ތިން ވިކެޓުންނެވެ. އޭގެފަހުން، ކުޅެވުނު ތިންވަނަ މެޗުން އިންޑިއާ މޮޅުވީ 11 ލަނޑުންނެވެ. އެއަށްފަހު، އެންމެ ފަހުން އިއްޔެ ކުޅެވުނު ހަތަރުވަނަ މެޗު އިންޑިއާ ކާމިޔާބުކުރީ 135 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

ޖޮހަނެސްބާގްގައި އިއްޔެ ކުޅުނު މެޗުގެ ގުރު ދިމާވުމުން އިންޑިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އެއްވިކެޓަށް 283 ލަނޑު ހެދިއެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 47 ބޯޅައިން 120 ލަނޑުހެދި ތިލަކް ވަރްމާ އާއި ނުބައިނުވެ 56 ބޯޅައިން 109 ލަނޑުހެދި ސަންޖޫ ސެމްސޮން އެވެ. މީގެތެރެއިން، ތިލަކް ވަރްމާގެ އިނިންގްސްގައި ވަނީ 10 ފަހަރު ހަޔަކަށް، ނުވަ ފަހަރު ހަތަރަކަށް ޖަހައިފައެވެ. މިއީ މި ފަހަރުގެ ޓީ20 ސީރީޒްގައި ތިލަކް ވަރްމާގެ ދެވަނަ ސައްތައެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައިވެސް ސައްތަ ހަދައިފައެވެ.

ދެކުނު އެފްރިކާގެ އުކުންތެރިންގެ ތެރެއިން ލުތޯ ސިޕަމްލާ ފިޔަވައި އެހެން ކުޅުންތެރިއަކަށް ވިކެޓެއް ނެގިފައިނުވާއިރު، ހުރިހާ ކުޅުންތެރިންގެ އުކުމުގައިވެސް އިކޮނޮމީ ރޭޓް ހުރީ 10 އަށްވުރެ މަތީގައެވެ.

ޖަވާބުގައި ކުޅެން އެރި ދެކުނު އެފްރިކާގެ ހުރިހާ ކުޅުންތެރިން ވަނީ 18.2 އޯވަރުގެ ތެރޭގައި 148 ލަނޑަށް ނުބައިވެފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 29 ބޯޅައިން 43 ލަނޑުހެދި ޓްރިސްޓަން ސްޓަބްސް އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޑޭވިޑް މިލާ 27 ބޯޅައިން 36 ލަނޑުހެދިއިރު، މާކޯ ޖެންސަން ވަނީ ނުބައިނުވެ 12 ބޯޅައިން 29 ލަނޑުހަދައިފައެވެ.

މި އިނިންގްސްގައި އިންޑިއާގެ އުކުންތެރިންގެ ތެރެއިން އާޝްދީޕް ސިންގ ތިން ވިކެޓް ނެގިއިރު، ވަރުން ޗަކްރަވާތީ އާއި އަކްޝަރު ޕަޓޭލް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ. މީގެއިތުރުން، ހާޑިކް ޕާންޑްޔާ އާއި ރާމަންދީޕް ސިންގ އަދި ރަވީ ބިޝްނޮއި ވަނީ ވިކެޓެއް ނަގައިފައެވެ.

މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޓީ20 ސީރީޒްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޑިއާގެ ބެޓްސްމަން، ތިލަކް ވަރްމާ އެވެ.