ޚަބަރު

ގައުމީ ހޭންޑްބޯޅަ މުބާރާތް: އޮރީކްސް، ރެޑްހޯކްސް، ޖީބީ އަދި ފިއުޗަރ ފައިނަލަށް


ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ފައިނަލަށް ޓީމް އޮރީކްސް، ރެޑްހޯކްސް، ޖީބީ އަދި ފިއުޗަރ ދަތުރުކޮށްފިއެވެ.

އަންހެން ފައިނަލްސްގައި ވާދަކުރާނީ ޓީމު އޮރިކްސް އާއި ޓީމް ރެޑްހޯކްސްއެވެ. ޓީމު އޮރީކްސްއިން ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައިވަނީ ސުޕަރ ޖެނަރޭޝަން ކުލަބު (އެސްޖީސީ) އާއި ކުޅުނު މެޗު ފަސޭހަކަމާއެކު 33-14 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮރިކްސްގެ ޒުލޭޚާ އިބްރާހިމް އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އަދި ޓީމް ރެޑްހޯކްސް ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސުޕަރ ޖެނެރޭޝަން ކުލަބް (އެސްޖީސީ) އާއި ދެކޮޅަށް ކުޅުނު މެޗު 36-22 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްހޯކްސްގެ ޔަސްފާ އާދަމްއެވެ. އެއްވަނަ ޑިވިޝަންގެ ފިރިހެން ފައިނަލްސްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމް ޖީބީ އަދި ފިއުޗާރއެވެ.

އެގޮތުން ޖީބީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ބައްދަލުކުރި މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 29-44 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖީބީގެ މުހައްމަދު ފިރުނަސް އަބްދު أللهއެވެ.

މީގެ އިތުރުން ޓީމް ފިއުޗާރ ފައިނަލްގެ ޖާގަ ކަށަވަރު ކުރީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ބައްދަލުކުރި މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 30-44 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ފިއުޗާގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ނުވަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިއަހަރުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން އަދި އަންހެން ބައިގައި ބައިވެރިވެފައިވަނީ ތިން ޓީމެވެ. އެގޮތުން މި ޑިވިޝަންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ލީގެ އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެކު ދެ މެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ރޭ މާލެ ހޭންޑްބޯލް ސްޓޭޑިއަމްގައެވެ.