ޚަބަރު

"ގޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖަށް ބަދަލު ގެނައީ ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ދިނުމަށް"


މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ 90 ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދަން ނިންމީ ގިނަ މެޗުތަކެއް ކުޅުމުގެ ބޭނުމުގައި ކަމަށް މުބާރާތް އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ތަޖުރިބާކާރު ކޯޗު އަލީ ނިސްތާރު ބުނެފިއެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ބައިވެރިވި 17 ޓީމު ވަނީ ހަތަރު ގުރޫޕަކަށް ބަހާލާފައެވެ.

މުބާރާތުގެ ގުރުނުގުމުގެ ރަސްމިއްޔާތަށްފަހު "ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަމުން ނިސްތާރު ބުނީ އެއް މަސް ދުވަހުގެ ތެރޭގައި ލީގެއް ކުޅެ ނިންމާނުލެވޭނެތީ އެންމެ ބޮޑަށް ވިސްނީ ގުރޫޕުގެ އެންމެ ކުރީގައި އޮންނަ ތިން ޓީމު، ޖެހިގެން އަންނަ ބުރުގައި ވާދަކުރުމަށް ކަމަށެވެ.

"މިހާރު ފޯމެޓް މިހެން ހެދީމަ ފުރަތަމަ މެޗުން ބަލިވިޔަސް މާޔޫސްވާކަށް ނުޖެހޭނެ، އެނެއްކާ ދެވަނަ ރައުންޑުގައި ވާދަކުރަން ފުރުސަތު ލިބޭ. ދެވަނަ ރައުންޑުގައިވެސް މި ކަޓަނީ އެންމެ ފުލަށްދާ ޓީމު. އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން ބޭނުންވި ނޮކްއައުޓާ ޖެހެންދެން ވާދަކުރަން ޖެހޭނީ ކޮން ޓީމެއްތޯ ބެލުން." ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ މުބާރާތް ފުރަތަމަ ރޭވީ ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތުގެ ފޯމެޓާ އެއް ގޮތަށް ކަމަށެވެ. އަދި މުބާރާތުގައި ގިނަ ޓީމުތަކުން ބައިވެރިވަނީ ވަރަށް ބޮޑު އުއްމީދަކާއެކު ކަމަށާއި، އެހެންކަމުން ބައިވެރިވި ޓީމުތަކަށް ގިނަ މެޗު ލިބޭނެ ގޮތަކަށް މުބާރާތް ރޭވުމުގައި ވިސްނި ކަމަށްވެސް ވަނީ ބުނެފައެވެ.

ނިސްތާރު ބުނީ މުބާރާތުން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތަޖުރިބާކާރު ކުޅުންތެރިންނާއި ކޯޗުންނާއެކު ދަނޑަށް މުޅިން އައު ޒުވާން ކުޅުންތެރިންތަކެއް ތައާރަފުވެގެންދިޔުން ކަމަށެވެ.

މީގެ އިތުރުން ނިސްތާރު ވަނީ ހުރިހާ ޚިޔާލު ތަފާތުވުންތަކެއް އެއްފަރާތް ކުރުމަށްފަހު، އެންމެ އަލުން ދަނޑަށް ވަދެ، ފުޓްބޯޅައިގެ ފޯރި ގެނައުމަށް އަތުގުޅާލުމަށް އިލްތިމާސްކޮށްފައެވެ.

ފުޓްބޯޅައިގެ ބޮޑު ކަވަރޭޖާއެކު ކޮންމެ މެޗެއްގެ ޕްރީ ޝޯ ހިމެނޭހެން މުބާރާތުގެ 47 މެޗު ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޔެސް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.