ސިޔާސީ ޕާޓީގެ ޤާނޫނަށް 4 ވަނަ އިސްލާާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ، މި މަހުގެ 13ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ.
ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް 4ވަނަ އިސްލާހު ހުށަހެޅުއްވީ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލު އިސްލާހުކޮށް، ޤާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމަށް ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމަށެވެ. އަދި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިހާރު ހުށަހަޅާ ފޯމު ޤާނޫނުގެ ޖަދުވަލުގައި ހިމެނުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތްވާގޮތުގެ މަތިން ހުށަހެޅޭގޮތަށްވެސް މި އިސްލާހުގެ ދަށުން ހަމަޖެއްސުމަކީވެސް ޤާނޫނު އިޞްލާހު ކުރުމުގެ މަޤްޞަދެއްކަމަށް ބަޔާންކުރައްވާފައިވެއެވެ.
ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިޚާބުތަކުގައި ވާދަކުރުމާ ގުޅޭގޮތުން އޮތް މާއްދާ އުނިކޮށްފައެވެ. އެ މާއްދާގައިވާގޮތުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކަށް އިންތިޚާބުތަކުގެ ޕްރައިމަރީގައި ވާދަކުރުމަށްފަހު އެހެން ހައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަނުކުރެވޭނެއެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ހިމަނާފައިވާ މާއްދާއަށްވެސް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ. އެ އިސްލާހުގައިވާގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ އަހަރީ ބަޖެޓުން އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެކެވެ. ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން %0.1 އާއި %0.2 އާއި ދެމެދުގެ އަދަދެކެވެ.
ޤާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާގޮތުން ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފުވާ ކޮންމެ މީހަކު 30،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ އަމަލެއް ހިންގި މީހަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުގައިވެއެވެ. މިހާރު ޖޫރިމަނާ ކުރަނީ ޤާނޫނާ ޚިލާފުވާ މީހާ އެކަންޏެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، ޕާޓީގެ މެންބަރުކަމާއި، ޕާޓީގެ ނަމުގައި އިންތިޚާބުތަކަށް ކުރިމަތިލުމާއި، ޕާޓީއަށް މުދަލާއި ފައިސާ ހޯދުމާއި، ޕާޓީގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، މުދަލާއި ފައިސާއިން މުޢާމަލާތު ކުރުމާއި، ޕާޓީ އުވާލުމާ، މިކަންކަމުގެ އުސޫލުތައް ކަނޑައެޅުމާއި، ޕާޓީތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާންކުރުމުގެ ޤާނޫނެވެ.