ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިސްރާއީލާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް ބަލިވެއްޖެއެވެ.
ލީގު އޭ ގެ ގްރޫޕު ދޭއްގައި ކުޅުނު މި މެޗުން އިސްރާއީލް މޮޅުވި ނަމަވެސް ގްރޫޕުގައި ކުޅުނު ހަ މެޗުން އެ ޓީމަށް ލިބިފައިވާ ހަތަރު ޕޮއިންޓާއެކު އޮތީ ގްރޫޕުގެ ފުލުގައެވެ. އަދި ބެލްޖިއަމް އަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ތިންވަނަ ލިބިފައިވަނީ ގޯލުގެ ތަފާތުންނެވެ.
މި މެޗުން އިސްރާއީލް މޮޅުވި ނަމަވެސް ގްރޫޕުގެ ފުލަށް ދިއުމާއި ގުޅިގެން އެ ޓީމު ވަނީ ނޭޝަންސް ލީގުގެ ދެވަނަ ޓަޔާއަށް ރެލިގޭޓް ވެފައެވެ. މި މެޗުން 3 ލަނޑުގެ ތަފާތަކުން ބެލްޖިއަމް ބަލިވިނަމަ އެ ޓީމު ދެވަނަ ޓަޔާއަށް ރެލިގޭޓް ވާނެއެވެ. މި ނަތީޖާއާއިއެކު ނޭޝަންސް ލީގުގެ އެއްވަނަ ކެޓަގަރީގައި އޮތުމަށް ބެލްޖިއަމަށް ޖެހޭނީ އަންނަ އަހަރުގެ މާޗު މަހު ރެލިގޭޝަން ޕްލޭއޮފް މެޗެއް ކުޅުމަށެވެ.
އިސްރާއީލްގެ އަމިއްލަ ގައުމުގައި ކުޅެން ޖެހޭ މި މެޗުގެ ސަލާމަތީ ސަބަބުތަކަށްޓަކައި ކުޅެފައިވަނީ ހަންގޭރީގައެވެ. ބުޑަޕެސްޓުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ އިސްރާއީލަށް ކާމިޔާބުކޮށްދީފައިވަނީ ޔާޑެން ޝުއާއެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
އަނިޔާ އަދި އެހެނިހެން ސަބަބުތަކާއިހުރެ ބެލްޖިއަމްގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ފަހަކަށް އައިސް އެ ގައުމުގެ ގިނަ މެޗުތަކުގައި ކުޅެފައެއް ނުވެއެވެ. އަދި ޒުވާން ގިނަ ކުޅުންތެރިންނަށް ކޯޗު ވަނީ ފުރުސަތު ދީފަ އެވެ.