ޚަބަރު

ވަކި ބަޔަކަށް ފައިދާވާގޮތަށް ހަދާފައިވާ އާސަންދައިގެ އެއްބަސްވުންތައް އުވާލަންޖެހޭ: މަޖިލީހުގެ ނައިބު ރައީސް


  • 2025ގެ ބަޖެޓަކީ އިގްތިސާދު ރިސެޓް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް

  • އާސަންދަ އާއި ބޭރުގެ ހޮސްޕިޓަލްތަކާމެދު ވެފައިވާ އެއްބަސްވުންތަކުގައި މެދުވެރިއެއްވޭ

ވަކި ބަޔަކަށް ފައިދާވާގޮތަށް އާސަންދައިން ހަދާފައިވާ އެއްބަސްވުންތައް އުވާލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 2025ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސްކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިހާރު ޤައުމުގެ އިގްތިސާދީ ހާލަތު އޮތީ ބޭނުންވާގޮތަށް ކަންކަން ކުރެވޭގޮތަކަށް ނޫން ކަމަށެވެ. އަދި މިހާރު ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓަކީ އިގްތިސާދު ރިސެޓް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށާއި އެކަން ކުރެވޭނީ ސިލްސިލާކޮށް ހުށަހަޅާ ތިން ބަޖެޓުން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އާސަންދައަށް ރަނގަޅު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން، އާސަންދަ މެދުވެރިކޮށް ގިނަ އަދަދެއްގެ ފައިސާ ފޭރެމުންދާ ކަމަށާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލިބެލުމުން އާސަންދަ އޮތީ ރިފޯމް ކުރެވޭވަރަށްވުރެ ހާލަތު ގޯސްކޮށް ކަމަށެވެ.

"އަސްލު ކެންސަރު ޖެހިފައިވަނީ އާސަންދައަށް. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެހެން ވިސްނުމެއް ގެންގުޅެން. އަޅުގަނޑުމެން އެއަރ މޯލްޑިވްސްއާއި އެހެން ކުންފުނިތައްވެސް ދޫކޮށްލި ފަދައިން އާސަންދަ ދޫކޮށްލާފައި އަލުންބަލުން ފަށަންވީކަމާދޭތެރޭ އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.

އާސަންދަ އާއި ބޭރުގެ ހޮސްޕިޓަލްތަކާމެދު ވެފައިވާ އެއްބަސްވުންތަކުގައި މެދުވެރިއަކުވާކަމަށާއި އެ ހޮސްޕިޓަލްތަކުން ނަގާ އަގުތަކަކީ ގަބޫލުކުރަން ދަތި ބޮޑެތި އަގުތަކެއްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އެހެންވީމަ ކޮންމެވެސް ބަޔަކަށް ބައިއެޅޭ ގޮތަށް ކޮށްފައި ހުރި އެގްރީމަންޓެއް މަތީގައި މި ސަރުކާރަކުން އަޅުގަނޑުމެން ދެމިތިބޭކަށް ނުޖެހޭ. އެހެންވީމަ އަޅުގަނޑުމެން އައު ކުންފުންޏެއް ހަދާފައިނަމަވެސް އެ އެގްރީމަންޓުތަކާ ވަކިވެ އަޅުގަނޑުމެން އެބަޖެހޭ އާސަންދަ ހަމަމަގަށް އަޅުވަން،" މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އުފެއްދުންތެރިކަމާ އެއްވަރަށް ދަރަނި ކުޑަވާނެ ކަމަށް ދުރުރަސްތާގައި ލަފާކުރެވޭ ކަމަށާއި އެކަން ނުކޮށް އިގްތިސާދު ހަމައަކަށް ނޭޅޭނެ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ކުރެއްވުމަށްވެސް މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ގޮވާލެއްވިއެވެ.