ޚަބަރު

މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ކުރެންދޫގެ ތިންބައިކުޅަ ދެބައި ގެއަށް ގެއްލުންވެއްޖެ


  • 70އެއްހާ ގެއަށް ބޮޑްތި ގެއްލުންތައް ވަނީ ލިބިފައި

  • ފަރުނީޗަރާ ހިފާގެންގުޅޭ ތަކެއްޗަށް ބޭނުން ނުކުރެވޭވަރުގެ ގެއްލުންތައް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ކުރެންދޫގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ކުރެންދޫ ކައުންސިލުން ވިދާޅުވީ ރަށުގެ ތިންބައިކުޅަ ދެބައި ގެއަށް ފެންވަދެ، ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ.

މިއަދު މެންދުރު އެރަށަށް ކުރި ވިއްސާރާގައި ހުއްޓާނުލާ ދެ ގަޑިއިރެއްހާއިރު ބޯކޮށް ރަށަށް ވާރޭ ވެހި، މުޅި ރަށުގައި ވަނީ ފެން ބޮޑުވެފައެވެ. ފެންހިދުމަށް ކައުންސިލްގެ ދެ ޕަމްޕް އަދި ފަހުން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ ހާލަތު މިހާރު ކޮންޓްރޯލްކުރެވިފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ހިއްސާކުރަމުން ކުރެންދޫ ކައުންސިލްއިން ވިދާޅުވީ ރަށުގެ %98 ގެއަށް ގެލުންވެފައިވާކަމަށެވެ. މީގެތެރޭގައި 70ވަރަކަށް ގެއަށް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ. ބައެއް ގެތަކުގައި ބޭނުން ނުކުރެވޭވަރަށް ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ދަނީ ރަށުގެ ޙާލަތާ ގުޅޭ މަޢުލޫމާތު ސާފުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކައުންސިލުން ވިދާޅުވީ މިހާރު ކުރަމުންދަނީ ލިބުނު ގެއްލުމުގެ ތަފްސީލްތައް ދެނެގަތުމަށް، މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ކައުންސިލްގެ ޓީމްތައް ރަށުތެރޭގައި މިހާރު ހަރަކާތްތެރިވަމުންދާކަމަށެވެ.

އަދި ވަގުތީ ބޯހިޔާވަހިކަން ބޭނުންވެއްޖެނަމަ، އެ އެހީތެރިކަން ދިނުމަށް ރަށުގެ ސްކޫލްގައި ވަގުތީ ހިޔާއެއް ހަދާފައިވާކަމަށެވެ. ގެތަކަށް ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކައުންސިލުން މިހާރުވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެއިތުރުން މިއަދު ކުރި ވިއްސާރައިގައި ދ. ބަނޑިދޫ އަދި އައްޑޫ ސިޓީ ފޭދޫގެ ގެއަކަށް ގެއްލުންވެފައިވެއެވެ. މީގެއިތުރުން މާލޭގައިވެސް ފެން ބޮޑުވެ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއަށްގެންގޮސްފައިވެއެވެ.