މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ރާއްޖޭގައި ޤާއިމުވެފައި ނެތްކަން ކަށަވަރުކުރެއްވުންކަމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މަޢުމޫނު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ވަނީ އަސްކަރިއްޔާ ހަރުދަނާކޮށް، ވަރުގަދަކުރުމަށް ސަރުކާރުން ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ވަނީ ފޮނުވާލާފައެވެ. އެކަން ފާހަގަކުރައްވަމުން ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މަޢުމޫނު ވިދާޅުވީ މިއަދު ރާއްޖޭގައި އެހެން އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއެއް ޤާއިމުވެ ނެތްކަން ކަށަވަރުވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ނުރައްކާވާނެ އެއްވެސްކަމެއް ނުހިނގާނެކަމުގެ ޔަޤީންކަން ދިފާޢީ ވަޒީރުގެ ހައިސިއްޔަތުން ރައްޔިތުންނަށް ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކޮށް، އަސަކަރިއްޔާގެ ޤާބިލުކަން އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.
"އެއްވެސް ޤައުމެއް މިނިވަންކަމާއި އިސްތިޤްލާލަކީ ކުރާ އެއްކަމަކުން ކަށަވަރުވެގެންދާކަމެއް ނޫން އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ބުރަ މަސައްކަތެއް. މީގެ މިސާލެއްގެ ގޮތުން އަޅުގަނޑުމެންގެ އަސްކަރިއްޔާއިން ކުރަންޖެހޭ ކަންތައްތައް އަމިއްލަ ފައިމައްޗަށް ތެދުވެގެން ކުރުންވެސް ހިމެނޭ. ރާއްޖޭގެ އިޤްތިސާދީ ސަރަހައްދު އެއްވެސް ބަޔަކަށް ބަރޯސާނުވެ އަސްކަރިއްޔާއިން ކުރެވޭގޮތަށް ޒަމާނީ ވަސީލަތްތައް ހޯއްދަވާދެއްވާ އެ ވަސީލަތްތައް ބޭނުންކުރުން ސިފައިން ތަމްރީނު ކުރައްވާ، އެކަން ކުރަން ފައުޖެއް މިހާރު ވަނީ އުފެދިފައި" ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ބޭރު ޤައުމުތަކާއެކު މަސައްކަތް ކުރުމާއި އަސްކަރީ ގުޅުންތައް ޤައުމުތަކާއެކު ޤާއިމުކުރުންކަމަށްވީނަމަވެސް އެމަނިކުފާނު ގެންގުޅުއްވާ އުސޫލަކީ "ރާއްޖެ ފުރަތަމަ" އުސޫލުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރަހުމަތްތެރިކަމާއެކު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ކުރުމަތްތެރިކޮށް ހިތާގައިގެން މަސައްކަތް ކުރަން އަންނަ ކޮންމެ ޤައުމަކާއެކުވެސް ރާއްޖެއިން މަސައްކަތް ކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހިންގެ ނިންމުންތައް ނިންމާނީ ދިވެހިން ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށްވެސް ދިފާޢީ ވަޒީރު ވިދާޅުވިއެވެ.