ޚަބަރު

ފަހު ވަގުތު ޖެހި ލަނޑުން ސްޕެއިން މޮޅުވެއްޖެ


ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޓްޒަލަންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ޖެހި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވެއްޖެއެވެ.

މި މެޗަށް ނިކުތްއިރުވެސް ސްޕެއިން އަށް އޮތީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އަދި ސްވިޓްޒަލަންޑަށް ފަސް މެޗުން ލިބިފައިވާ ދެ ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕުގެ ފުލުގަ އެވެ. އެހެންކަމުން ކޮންމެ ނަތީޖާއެއް މި މެޗުން ނިކުތް ނަމަވެސް ޕޮއިންޓް ތާވަލަށް އަންނާނެ ބަދަލެއް ނެތެވެ.

ނަމަވެސް މި ގްރޫޕުގައި ދެން ހިމެނޭ ޑެންމާކް އާއި ސާބިޔާ ބައްދަލު ކުރި މެޗުން މޮޅުވެގެން ސާބިޔާއަށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ލިބެން އޮތް ނަމަވެސް، އަމިއްލަ ގައުމުގައި ސާބިޔާ ކުޅުނު މި މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ. އެހެންކަމުން ހަ މެޗުން ލިބުނު 8 ޕޮއިންޓާއެކު ޑެންމާކަށް ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ލިބިފަ އެވެ. އަދި ސާބިޔާއަށް ޖެހޭނީ ރެލިގޭޝަން ޕްލޭއޮފް މެޗެއް ކުޅުމަށެވެ.

ސްޕެއިންގައި 21 ހާސް މީހުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގެ 32 ވަނަ މިނިޓުގައި ޔެރެމީ ޕިނޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މެޗުގެ 63 ވަނަ މިނިޓުގައި ސްވިޓްޒަލަންޑުގެ ޖޮއެލް މޮންޓެއިރޯ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް، އޭގެ ފަސް މިނިޓު ފަހުން ސްޕެއިންގެ ބްރަޔަން ގިލް ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް ސްޕެއިން އަށް ކުރި ހޯދަދީފަ އެވެ.

ސްސްވިޓްޒަލަންޑުން މި މެޗުގައި ދެވަނަ ފަހަރަށް އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެންޑީ ޒެގީރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ސްޕެއިން މޮޅުވި ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދީފައިވަނީ ބްރަޔަން ޒަރަގޯޒާ އެވެ.