ޚަބަރު

ބަޖެޓު ބަހުސް މިއަދު ނިންމާލަނީ


  • އަންނަ އަހަރަށް ލަފާކުރަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބެޖެޓުގެ ބަހުސް މަރުހަލާ މިއަދު އެއްކޮށް ނިންމާލައްވާނެކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައި މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓަށް ބަހުސްކުރުމަށް އެދިވަޑައިގެންފާއިވާ ހުރިހާ މެންބަރުންނަށް މިއަދު ފުރުޞަތުދީ ބަހުސް މަރުހަލާ ނިންމާލައްވާނެކަމަށެވެ. އެގޮތުން މިއަދު ހެނދުނު 09:30އާއި ހަމައަށް ބަޖެޓަށް ބަހުސްކުރުމަށް އެދިވަޑައިގަތުމުގެ ފުރުޞަތު ދެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ. އަދި ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39.7 ބިލިޔަން ރުފިޔާއެވެ.

ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ. 2025 ވަނަ އަހަރު ބަޖެޓުގައި އަހަރުގެތެރޭގައި ރިފޯމުތައް ތަންފީޒުކުރަން ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ޒިންމާދާރު ބަޖެޓެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރަނީ 9.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެކެވެ. މިއީ ފަހުގެ ތާރީޚުގައި ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓުކަން ސަރުކާރުުން ފާހަގަކުރެއެވެ.

ސަރުކާރުގެ އަމާޒަކީ މި ރާސްތާގައި ގޮސް ދެމެހެއްޓެނިވި މިންވަރަކަށް ދަރަނި ކުޑަކުރުމެވެ.