ޚަބަރު

ކުރިއަށް އޮތް ވޯލްޑް ކަޕަށްފަހުވެސް ގައުމީ ޓީމަށް ކުޅޭނެ ކަމަށް ކޭން ބުނެފި


2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށްފަހުވެސް ގައުމީ ޓީމަށް ކުޅޭނެ ކަމަށް އިންގްލަންޑުގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

ކޭން ބުނެފައިވަނީ ގިނަ ފަހަރު އުމުރުން 30 އިން މައްޗަށް ދިއުމުން ނުކުޅެވޭނެކަމަށް ބައެއް ފަރާތްތަކުން ހީކުރި ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި އަދިވެސް އޭނާއަށް ކުރީގައި ދެއްކިފަދަ މޮޅު ކުޅުމެއް ދެއްކޭ ކަމަށާއި އަދި މިހާރު ބަޔާން މިއުނިކުގައި ދައްކަމުންދާ ކުޅުމާއެކު އޭނާއަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.

ހެރީ ކޭންގެ ސްޓެޗޫއެއް ތައާރަފު ކުރުމަށް ޕީޓަރ މޭ ސްޕޯޓްސް ސެންޓަރ ގައި ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަމުން ކޭން ބުނެފައިވަނީ ކުރިއަށް އޮތް ވޯލްޑްކަޕްގައި ވާނެ ގޮތެއް ބުނަން އަދި ނޭނގޭ ކަމަށާއި އޭނާ އަކީ އެހާ ދުރަށް ވިސްނައިގެން ކަންކަން ކުރާ މީހެއް ނޫން ކަމަށެވެސް ކޭން ވަނީ ބުނެފަ އެވެ.

އަދި އުމުރުން 5 އަހަރުގައި ފުޓްބޯޅަ ކުޅެން ފެށީ އިންގްލޭންޑްގެ ގައުމީ ޓީމަށް ކުޅުމުގެ ހުވަފެން ދެކެމުން ކަމަށާއި އަދި މިއަދު އެ ކަންތައް ހަގީގަތަކަށް ވުމުން އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށްވެސް ކޭން ވަނީ ބުނެފަ އެވެ. އަދި އޭނާއަށް ލިބުނު ކާމިޔާބީ ހަނދާންކޮށް ޒުވާން ކުދިން އެފަދަ ގޮތަކަށް ގަދައަޅާ މަސައްކަތް ކުރާނެކަމަށް ގަބޫލުކުރާ ކަމަށްވެސް ކޭން ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އިންގްލޭންޑް އިން ވަނީ އެ ޓީމުގެ ކޯޗަކަށް ޖަރުމަނުގެ ތޯމަސް ޓުޗެލް ހަމަޖައްސާފަ އެވެ. އަދި ނިމިގެންދިޔަ ސީޒަނުގައި ހެރީ ކޭން ވަނީ ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން މިއުނިކަށް ކުޅެފަ އެވެ.

ހެރީ ކޭން ވަނީ އިންގްލޭންޑްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 103 މެޗުގައި 69 ގޯލު ޖަހާފަ އެވެ.