ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ޕެރޫ އާ ދެކޮޅަށް މިއަދު ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާޖެންޓީނާއިން ކާމިޔާބުކޮށްފިއެވެ.
ބޮއިނިސް އައިރިސްގެ ލަ ބޮންބޮނޭރާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އާޖެންޓީނާ ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު 12 މެޗުން 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް އުރުގުއޭ އަށް 12 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.
ދުނިޔޭގެ ޗެމްޕިއަން, އާޖެންޓީނާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަ ވަނަ މިނިޓުގައި ކެޕްޓަން ލިއޮނެލް މެސީ ދިން ޕާހަކުން ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ މާޓިނޭޒް ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން 32 ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު އޭނާ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނައިން ލަނޑު ޖެހި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. މަޝްހޫރު ޑިއެގޯ މެރެޑޯނާ ވެސް އާޖެންޓީނާގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ 32 ލަނޑެވެ.
ޖުމްލަ ދިހަ ޓީމު ހިމެނޭ ދެކުނު އެމެރިކާގެ ރައުންޑް ރޮބިން ކޮލިފައިންގެ ގަދަ ހަޓީމަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބިގެންދާއިރު ހަތްވަނަ ޓީމަށް ޖެހޭނީ އިންޓަކޮންޓިނެންޓަލް ޕްލޭ އޮފް ދެ މެޗު ކުޅުމަށެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާޖެންޓީނާއަށް ކާމިޔާބު ކޮށްދިން ލައުޓާރޯ މާޓިނޭޒް މެޗަށް ފަހު ބުނެފައިވަނީ ދުނިޔޭގެ ޗެމްޕިއަން ކޮލިފައިންގެ އެއްވަނަ މަގާމުގައި ފަސް ޕޮއިންޓުގެ ތަފާތަކާއެކު މި އަހަރު ނިންމާލެވޭތީ އުފާކުރާ ކަމަށެވެ.
ދެކުނު އެމެރިކާގެ ކޮލިފައިންގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ކޮލިފައިންގައި ބްރެޒިލް އިން 12 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވާ 18 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ.