ޤައުމަށް ބޭނުންވާ ތަފާތު ހުނަރުތަކުން ތަމްރީންވެގެން ވަޒިފާތަކަށް ނިކުތުމަކީ، ދަށް މަސައްކަތެއް ނޫންކަމަށާ، އެއީ ޕްރޮފެޝަނަލް ދާއިރާތަކާ އެއް ހަމައެއްގައި އިހްތިރާމް ލިބޭ ވަޒީފާތަކެއްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުން ފަހިކުރުމަށްޓަކައި 3 ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މިގޮތުން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ އެމް.ޑަބްލިޔު.އެސް.ސީއާއި އެމް.އޭ.ސީ.އެލްގެ އިތުރުން ވިލާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުންތައް ތަންފީޒު ކުރެވިގެންދާނީ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް ޕްރޮޖެކްޓްގެ ދަށުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާލަދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ.
މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ޤައުމަށް ބޭނުންވާ ދާއިރާތަކުން ހުނަރުވެރިން އުފެއްދުމަކީ މިހާރަށް ވަރަށް ބޭނުން ޖެހިފައިވާކަމެއްކަމަށެވެ. އަދި މިހާރަކަށް އައިސް ގިނަ މީހުންނަށް ޤަބޫލްކުރެވިފައި އޮންނަނީ އަބުރުވެރި މަސައްކަތަކަށް ވަނީ ޕްރޮފެޝަނަލް ވަޒީފާތައް އެކަނިކަމަށެވެ. އެހެންނަމަވެސް ހުނަރުތަކުން ތަމްރީން ވެވިގެން ވަޒީފާތަކަށް ނިކުތުމަކީވެސް އަބުރުވެރި މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"އެކެޑެމިކް ދާއިރާއާ އެއްގޮތަށް ހުނަރުތައް ތަރައްޤިކުރުމުގެ ދާއިރާއަކީ އެއް ހަމައެއްގައި ވާ ދެ ކަންތައްކަން މުޖްތަމަޢުއަށްވެސް ގޮވާލާން ބޭނުންވޭ. އެއީ މިހާރު ގިނަބަޔަކު ދެކޭގޮތުގައި ޕްރޮފެޝަނަލް ސްކިލްސްއަކީ އަހައްމިއްޔަތުކަން ދޭންވާ ސްކިލްސް. އެހެންވެގެން މިހާ ހިސާބަށް ޤައުމު އައިސްފައިވާއިރު ގިނައީ އެދާއިރާތަކުން ކުރިއަށްގޮސްފައިވާ ދަރިވަރުން. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހުނަރުތަކުން ކުރިއަރައިގެން ދިއުމަކީވެސް ހަމަ އިހްތިރާމް ލިބޭކަމެއްކަން" މަތީ ތަޢުލީމަ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރުވެސް ގްރޭޑް 10 އެއް ނިމިފައިތިބި ދެ ހާހަށްވުރެ ގިނަކުދިން ނަށް ކެރިއަރގައިޑޭންސް ދޭނެ މަގުތައް ހޯދަން ޖެހިފައިވާކަމަށެވެ. އަދި މިފަދަ އެއްބަސްވުންތަކުގެ ސަބަބުން، ތަފާތު ދާއިރާތަކަށް ކުދިން އަހުލުވެރިކޮށް ހުނަރުތަކަށް ދަރިވަރުން ނެރުމަށް އެހީއަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އެމްއެލްސީއެލްއަކީ ޖުމްލަ 33 ދާއިރާއަކުން މަސައްކަތް ކުރާ ތަނެއްކަމަށާއި މި އެއްބަސްވުމުގެ ސަބަބުން ވަޒީފާތަކަށް ދިވެހިން ހޯދުމަށް ވަރަށްބޮޑު ބާރަކަށްވެގެންދާނެކަމަށެވެ.
"ކީ ރޯލްތަކުގައި ދިވެހިންނޭ އުޅެނީ. އެކަމަކު މުސްތަގްބަލުގައި ކުރިއަތް ދިޔުމައްޓަކައި އަޅުގަނޑުމެންނާއި ވަކިވެޑައިގަންނަވާ ބޭފުޅުންގެ ރިޕްލޭސް މަންޓަކަށް ބޭނުންވަނީ ދިވެހި ސްކިލްޑް މީހުން މީގެ ތެރެއަށް ތަރައްގީކުރަން." އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ އެ ކުންފުންޏަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ގިނަ އަހަރުތަކެއް ވަންދެން ދެމުން އަންނަ ޤާބިލު ކުންފުންޏެއްކަމަށެވެ. އެގޮތުން މާލެ ސަރަހައްދު ފިޔަވާ 20 ރަށެއްގައި މި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާކަމަށާއި އަލަށް 20 ރަށުގެ މަސައްކަތް ފަށާފައިވާކަމަށް މަތީން ވިދާޅުވިއެވެ. މީގެ އިތުރުން މަތީން ވިދާޅުވީ އެ ކުންފުންޏަކީ އައިޓީގެ ދާއިރާއިންވެސް ކުރިއަރާފައިވާ ކުންފުންޏެއްކަމަށާއި މިފަދަ މަސައްކަތްތަކުގައި ދިވެހިންގެ ޝާމިލްވުން މުހިއްމުކަމަށެވެ.
"އަޅުގަނޑުމެންނަށް އެނިގިފައި ހުރި އެއްޗެއް ޒުވާންނުންނަށް އުނގަންނައިދީގެން ކުރިއަށް އޮތް ޖީލުތައް ތަރައްޤީކުރުމަށް އެޅުނު ފިޔަވަޅެއް މިއީ. ޔަޤީންކޮށްދޭން ބޭނުނުންވަނީ އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ވަރަށް ރަނގަޅު ފުރުޞަތެއް މިއީ." އެމް.ޑަބްލިއު،އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވިއެވެ.
ވިލާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ގްރޫޕް ޑިރެކްޓަރ އޮފް ލަރނިންގ އެންޑް ޑެވެލޮޕްމަންޓް ހަސަން ޝަމާމު ވިދާޅުވީ މީހުން ބިނާކުރުމަކީ އެކުންފުނީގެ މަސައްކަތްތައް ފެށުނީއްސުރެ ކުރަމުން އަންނަކަމެއްކަމަށެވެ. އަދި އެކަން އަބަދުވެސް ކުރަމުންގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"މީހުން ބިނާކުރުމަށް އަޅުގަނޑުމެން ގެންގުޅެފައި އޮތް އަސާސް މިގެންދަނީ ދަމަހައްޓަމުން. އެކަމުގެ އެއް ހަޤީގަށް މިއީ މިކަމަށް އިޖާބަދިނުން." ވިލާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ގްރޫޕް ޑިރެކްޓަރ އޮފް ލަރނިންގ އެންޑް ޑެވެލޮޕްމަންޓް ހަސަން ޝަމާމު ވިދާޅުވިއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ ސެއިލްސް ޕްރޮޖެކްޓުން ހިންގާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް ވަޒީފާއަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމަށްވެސް ހަމަޖެހިފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން ނެޝަނަލް ކެރިއަރސް ސަރވިސް ތަރައްޤީކޮށް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާދޭ ޕްލެޓްފޯމްގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރެވިގެންދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.