ޚަބަރު

ސިޔާސީ ކަންކަމުގެ ތެރެއަށް ބާ ކައުންސިލުން ވަނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން: މުހުތާޒް


  • މީގެ ކުރިން އެންޓި ޑިފެކްޝަން ޤާނޫނު އައިރު ބާ ކައުންސިލް ވީ ކޮންތާކުތޯ ސުވާލު އުފެއްދެވި

ސިޔާސީ ކަންކަމުގެ ތެރެއަށް ބާ ކައުންސިލުން ވަނުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހާއި ގުޅޭގޮތުން ބާ ކައުންސިލުން ނެރުނު ބަޔާނަކާއި ގުޅިގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކުރުމުގެ ކުރިން އެކަމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފައެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "މަޖިލިސް މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހުތާޒް މުހުސިން ވަނީ މީގެކުރިން އެންޓި ޑިފެކްޝަން ޤާނޫނު ފާސްކުރިއިރު ބާ ކައުންސިލުން އެކަމާއި އަޅާނުލި ސަބަބާއި ގުޅޭގޮތުން ސުވާލު އުފައްދާފައެވެ.

މުހުތާޒް ވިދާޅުވީ އިސްލާހީ ފާޑު ކިޔުމަށް ނުވަތަ ޤާނޫނުތަކަށް ބަދަލު ގެނައިރު ބާ ކައުންސިލްގެ ދައުރެއް އޮތުމަށް ތާޢިދު ކުރާކަމަށެވެ. އެހެންނަމަވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ބާ ކައުންސިލުން ވަނުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫންކަމަށްވެސް މުހުތާޒް ވިދާޅުވިއެވެ.

"ބާ ކައުންސިލްގެ މެންބަރުންނަށް ދަންނަވާލަން ކޮން މެމްބަރުނެއްތޯ އެ ވަގުތުކޮޅުގެ ތެރޭގައި އެހާ ކަންބޮޑުވުމެއް ފާޅުކޮށްގެން އުޅެނީ. ބާ ކައުންސިލްގައި ސަރުކާރުގެ ނުފޫޒް އޮންނާތީވެ ނުފޫޒް ވަކި ކުރުމަށްޓަކައި ބާ ކައުންސިލުން ބަންޑާރަ ނައިބް ނުހިމެނޭ ގޮތަށް އެކުލަވާލާ މިނިވަންކަމާއެކު އޮތުމަ ތަނަވަސްކޮށްދެއްވީވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު"ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހުތާޒް މުހުސިން ވިދާޅުވިއެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ގެނެވޭ އިސްލާހުތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ ބިލާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބޭ ގޮތަށް އެ ބިލުގެ ކަންކަން އިންތިޒާމު ކުރުމަށް ވެސް ބާ ކައުންސިލްގެ ބަޔާނުގައިވެއެވެ.