ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެމްބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ފާސްކުރި އިޞްލާހުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް ބައިބައިކޮށްލުމުގެ ފުރުޞަތު ނުލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ޤާނޫނު އަސާސީއަށް ގެންނެވި އިޞްލާހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަންނަވާ މެންބަރުންގެ %99 އަކީ ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރައްވައި ރައްޔިތުން އިންތިޚާބުކުރާ ބައެއްކަމަށެވެ. ވުމާއެކު ޕާޓީ ބަދަލުކޮށްފިނަމަ ރައްޔިތުންގެ ހައްގުތަކެއް ގެއްލޭނެތީ އެކަން ޤާނޫނު އަސާސީން ކަށަވަރުކޮށްދިނީކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޤާނޫނު އަސާސީއަށް އިޞްލާހު ގެންނައިރު ރައްޔިތުންގެ ޚިޔާލު ހޯދަން ޖެހޭނެކަމަށް އިދިކޮޅުން ބުނާ ވާހަކަތަކަށް ރައްދުދެއްވައި މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭކަންކަން ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކުރާކަމަށެވެ. އެހެންކަމުން ރައްޔިތުން ވަކި ސިޔާސީ ފިކުރަކަށް ތާޢީދުކޮށް ވޯޓު ދީފައިވާބަޔަކު އިސްކުރަންޖެހޭނީވެސް ރައްޔިތުންގެ ފަޅިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ 18 ވަނަ އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޕާޓީން ބަދަލު ނުކުރެވޭގޮތަށް އެންޓި-ޑިފެކްޝަނުގެ ޤާނޫނު އެކުލަވާލިކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް ވަނީ އެއްވެސް ބަޔަކަށް ޤާނޫނު އަސާސީން އެ ޤާނޫނަށް ބާރުދޭން ނުކުރުނުކަމަށެވެ. ނަމަވެސް މި މަޖިލީހުން އެކަންވެސް ކަށަވަރުކޮށްދިނީކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
"ދައުރު ނިމިނިމި އޮއްވާ އެބޭފުޅުން ޤާނޫނު ހެދީ، އެބޭފުޅުންނަށް ހީފުޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަކަށް ނުލިބޭނޭ. އެކަމު ސަރުކާރު އޮންނަ ޕާޓީއަށް މެންބަރުން ހިނގައިދާނެތީ އެކަމަށް ގަންބިރެއްގެ ސަބަބުން އޭރުގަ ޤާނޫނު ހެދީ. އެކަމު އެޔާއި ޚިލާފަށް ރައްޔިތުން ބެލީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތު ތަންފީޒް ކުރެވޭނެ މަގެއް ހޯދައިދިނުމަށް. ބެލިއިރު އެ މަގަކީ ޤާނޫނު ހަދާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައީސް ޑރ. މުޢިއްޒަށް ދިނުން. ދިނީމަ އެބޭފުޅުންނަށް ނެތް ކުރެވޭނެ ކަމެއް. މި ޤާނޫނު އޮއްވާ ޤާނޫނު އަސާސީން ބާރު ދިނީމަ ނެތް ރައްޔިތުންގެ މަޖިލިސް ބައިބައިކޮށްލުމެއް ފުރުޞަތެއް." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޤާނޫނު އަސާސިއަށް އިޞްލާހު ގެނައީ އަވަސް އަރުވާލައިގެންކަމަށް ކުރާ ތުހުމަތުތަކަށްވެސް މަޖިލީހުގެ ރައީސް ރައްދުދެއްވިއެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރާ ހުރިހައި އިޖުރާޢަތްތަކެއް ފުރިހަމަކުރެއްވިކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"މިޒަމާނަކު ނުޖެހޭ ދެއްތޯ 17 އަހަރު ވެންދެން ޤާނޫނު އަސާސީ އިޞްލާހުކުރަން ތިބިގޮތަށް ޤާނޫނުތައް އިޞްލާހުކުރަން ތިބޭކަށެއް. އެއަށްވުރެ މާ ބާރު ސްޕީޑުގައިި ކުރިއަށްދާން ރައްޔިތުން ބޭނުންވޭ. އެ ބޭނުމުގައި ރައްޔިތުން ޕީއެންސީއަށް ސުޕަރ މެޖޯރިޓީ ދިނީ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިއީ މިވަގުތަށް މުހިންމު އިޞްލާހެއްކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މި އިޞްލާހުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށްދޭނެކަމަށެވެ. އަދި ރައްޔިތުންގެ މަންދޫބުންގެ އިއްޒަތާއި ގަދަރު އުފުލޭނެމަގެއް ފަހިވީކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގައި މި އިޞްލާހު ގެނައުމަށް ފާސްވީ 78 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ރައީސް ވިިދާޅުވީ، އިޞްލާހާ އެއްކޮށްޅަށް ވޯޓު ދެއްވި 78 މެންބަރުން އިސްކުރެއްވީ ރައްޔިތުންގެ ފަޅިކަމަށެވެ. އަދި އެ މެންބަރުން އިސްކުރެއްވީ ރައްޔިތުންގެ މަސްލަހަތުކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.