ޚަބަރު

ޑޭވިސް ކަޕުގެ ފައިނަލުން ފުރަތަމަ ފަހަރަށް ނެދަލަންޑްސް ޖާގަ ހޯދައިފި


މިހާރު ކުރިއަށްދާ ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ޖަރުމަން ބަލިކޮށް ނެދަލޭންޑްސް އިން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ސްޕޭނުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ނެދަލޭންޑްސް ޖާގައެއް ހޯދާފައިވަނީ ޖަރުމަން 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ. ސެމީ ފައިނަލުގައި ނެދަލޭންޑްސް އިން ވަނީ ޖަރުމަނާއި ދެކޮޅަށް ކުޅުނު ސިންގަލްސް ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ.

ނެދަލޭންޑްސްގެ ވެންޑެ ޒެންޑްޝުލްޕް އާއި ޓެލޮން ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާއިރު ޒެންޑްޝުލްޕް ވަނީ ސްޕެއިންގެ ރަފައެލް ނަޑާލް ކުޅުނު ޕްރޮފެޝަނަލް ފަހު މެޗުން އޭނާ ބަލިކޮށްފަ އެވެ.

މި މުބާރާތުގެ ފައިނަލުގައި ނެދަލޭންޑްސް އާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ ސެމީ ގައި އިޓަލީ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗަށްފަހުގަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އިން މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައިވަނީ ފައިނަލުގައި އޮސްޓްރޭލިއާ ބަލިކުރުމަށްފަހުގަ އެވެ. އެހެންކަމުން ސެމީ ފައިނަލުގެ މި މެޗަކީ ގިނަ ބަޔަކު އިންތިޒާރު ކުރާ މެޗެކެވެ.