ޚަބަރު

ޒަގްރެބް ބަލިކޮށް ޑޯޓްމުންޑް ތާވަލުގެ ހަތަރުވަނައަށް


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ހަތަރުވަނަ މަގާމު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑުން ހޯދައިފި އެވެ.

މި މެޗު ކާމިޔާބުކުރުމާއެކު ޑޯޓްމަންޑަށް ވަނީ މި މުބާރާތުގައި ކުޅުނު 5 މެޗުން 12 ޕޮއިންޓާއެކު ހަތަރުވަނަ ލިބިފަ އެވެ. ޒަގްރެބް އަށް ފަސް މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އެ ޓީމު އޮތީ ހަތްވަނައިގަ އެވެ.

ކްރޮއޭޝިއާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޑޯޓްމަންޑަށް ކުރި ހޯދަދީފައިވަނީ ޖެމީ ގިޓެންސް އެވެ. މިއީ އިނގިރޭސިވިލާތަށް އުފަން އުމުރުން 20 އަހަރުގެ ގިޓެންސް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޖަހާފައިވާ ހަތަރުވަނަ ގޯލެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ޑޯޓްމަންޑުގެ ޑިފެންޑަރ ރަމީ ބެންސެބައިނީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި ސަރްހޫ ގިރެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން އޭނާ ކުޅުނު ފަސް މެޗުގައި ޖަހާފައިވާ ފަސްވަނަ ލަނޑެވެ.