ޚަބަރު

އެސްޓަން ވިލާ އާއި ޔުވެންޓަސް އެއްވަރު


ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށް އެސްޓަން ވިލާ ރޭ ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.

އެސްޓަން ވިލާގެ ވިލާ ޕާކުގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު މި މުބާރާތުގައި އެސްޓަން ވިލާ މިހާތަނަށް ކުޅުނު 5 މެޗުން އެ ޓީމށް ލިބިފައިވާ 10 ޕޮއިންޓާއެކު އޮތީ ތާވަލުގެ ނުވަވަނައިގަ އެވެ. ޔުވެންޓަސް އަށް ފަސް މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު އޮތީ 19 ވަނައިގަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ސެރިއާގެ އެންމެ ވަރުގަދަ ޑިފެންސް ލައިން އޮތް ޔުވެންޓަސް ކޮޅަށް އެސްޓަން ވިލާއަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ.

މި މެޗުގެ ފަހު ވަގުތުގައި އެސްޓަން ވިލާއިން ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ ލަނޑު ޖެހުމުގެ ކުރިން އެސްޓަން ވިލާގެ ޑިއެގޯ ކާލޯސް ޔުވެންޓަސްގެ ކީޕަރަށް ފައުލް ކޮށްފައިވާކަމަށް ނިންމާފަ އެވެ.

މި މެޗު އެއްވަރުވުމާއިއެކު މި ސީޒަނުގެ ކުރީކޮޅު ރަގަޅު ނަތީޖާތަކެއް ހޯދާފައިވާ އެސްޓަން ވިލާ އެންމެ ފަހުން ކުޅުނު ހަތް މެޗުން އެ ޓީމު މޮޅުވެފައެއް ނުވެއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޝާހްތާރު ޑޮނެސްކް އާއި ދެކޮޅަށް ޕީއެސްވީ އެއިންދޯވެން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޕީއެސްވީ އެވެ. އަދި ފްރާންސްގެ މޮނާކޯ އާއި ދެކޮޅަށް ޕޯޗުގަލްގެ ބެންފީކާ ކުޅުނު މެޗުންވެސް 3-2 ގެ ނަތީޖާ އަކުން މޮނާކޯ ވަނީ ބަލިވެފަ އެވެ.