ޚަބަރު

ހެއިޑެންހޭމް އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް


ޔޫއެފާ ކޮންފަރެންސް ލީގުގައި ޖަރުމަނުގެ ހެއިޑެންހޭމް އާއި ދެކޮޅަށް ޗެލްސީ ރޭ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.

މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވާއިރު މި މުބާރާތުގައި ޗެލްސީ މި ސީޒަނުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް 4 މެޗުން ލިބުނު 12 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ލެގިއާއަށްވެސް 12 ޕޮއިންޓް ލިބިފައިވާއިރު ޗެލްސީއަށް ކުރި ލިބިފައިވަނީ ފައިދާ 12 ގޯލުގެ ތަފާތުންނެވެ. ޗެލްސީން ވަނީ މި މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި ޖުމްލަ 18 ލަނޑު ޖަހާފަ އެވެ.

ޖަރުމަނުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ޗެލްސީން ވަނީ މެޗު ކޮންޓްރޯލްކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގައި ޗެލްސީން ލީޑު ނަގާފައިވަނީ މެޗުގެ 51 ވަނަ މިނިޓުގައި ޖޭޑަން ސަންޗޯ ދިން ޕާހަކުން ކްރިސްޓޮފާ އެންކުންކޫ އެވެ. މިއީ މި މުބާރާތުގައި ކުޅުނު ހަތަރު މެޗުން އޭނާ ޖެހި ފަސްވަނަ ލަނޑެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޗެލްސީގެ މިހައިލޯ މުޑްރީކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގައި ޗެލްސީން ޖެހި ދެ ލަނޑުވެސް ޖަހަން މަގު ތަނަވަސްކޮށްދީފައިވަނީ ޖޭޑަން ސަންޗޯ އެވެ. މިއީ މިދިޔަ އޮކްޓޯބަރ 20 ވަނަ ދުވަހަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ ސަންޗޯ އަކީ އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އަނިޔާއިން ރަގަޅުވެ އަލުން ކުޅުމުގެ ތެރެއަށްއައިސް އޭނާއަކީ އެ ޓީމަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން މި މެޗުގައިވެސް އޭނާ ދައްކާފައިވާކަމަށެވެ.