އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ތާވަލުގެ ދެވަނަ މަގާމު ބްރައިޓަން އަށް ލިބިއްޖެއެވެ.
ލީގުގައި މިހާތަނަށް ބްރައިޓަން ކުޅުނު 13 މެޗުން އެ ޓީމަށް 23 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށްވެސް ވަނީ 23 ޕޮއިންޓް ލިބިފަ އެވެ. އަދި ސިޓީ އާއި ބްރައިޓަންގެ ފައިދާ ގޯލުވެސް އެއްވަރު ވެފައިވާއިރު, ބްރައިޓަން އަށް ކުރި ލިބިފައިވަނީ ދެ ޓީމުގެ ކުރިމަތިލުމުން ކުރި ލިބިފައިވާތީ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 12 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެވެ. ސައުތެމްޓަން އަށް މިހާތަނަށް ކުޅުނު 13 މެޗުން ލިބިފައިވާ 5 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުގަ އެވެ.
ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 29 ވަނަ މިނިޓުގައި ޖަޕާނުގެ ކައޮރޫ މިޓޯމާ ވަނީ ލަނޑެއް ޖަހާ ބްރައިޓަން އަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ސައުތެމްޓަންގެ ފްލީން ޑޯންސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި މި ލަނޑު ޑޯންސް ޖެހިތާ ގިނައިރުތަކެއް ނުވަނީސް ސައުތެމްޓަންގެ ކެމަރޮން އާޗާ ވަނީ ލަނޑެއް ޖަހާފަ އެވެ. ނަމަވެސް އާޗާ އެ ލަނޑު ޖެހުމުގެ ކުރިން އެޑަމް އާމްސްޓްރޯންގް އޮފްސައިޑްގައި ހުރެ އެ ބޯޅައަށް ހަރަކާތް ކޮށްފައިވާތީ ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފަ އެވެ.
ބްރައިޓަން އިން މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެފައިވާ މި މެޗުގައި އެ ޓީމަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އަދި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު މި މެޗުގައި ކުޅުނު ތާރިގް ލަމްޓޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.