ޚަބަރު

ޤައުމިއްޔަތު ކޮލެޖުގެ ފުރަތަމަ މަހާސިންތާ ނިންމާލައިފި


  • މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ 1 ދުވަހަށް

  • މަހާސިންތާއަށް ޢިލްމީ 9 ކަރުދާހެއް ހުށައަޅާފައިވޭ

ޤައުމިއްޔަތު ކޮލެޖު ނުވަތަ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ "ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ނިންމާލައިފިއެވެ.

މި މަހާސިންތާއަކީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ދިވެހި ޤައުމިއްޔަތުގެ ޢިލްމު ފެތުރުމުގެ ޒިންމާގެ ދަށުން ބޭއްވި ފުރަތަމަ ޢިލްމީ މަހާސިންތާއެވެ. މި މަހާސިންތާ ކޮންމެ އަހަރަކު ދެ ފަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ އަހަރެއްގެވެސް ހުޅަނގާއި އިރުވައި މޫސުމުގައި މަހާސިންތާއެއް ހިމެނޭގޮތުންނެވެ.

އެއްދުވަހުގެ މިމަހާސިންތާ ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި މަހާސިންތާގައި އެކި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުން ވަނީ ޢިލްމީ 9 ކަރުދާހެއް ހުށަހަޅާފައެވެ. އޭގެތެރޭގައި ރާއްޖެއަށް އިސްލާމްދީން ތަޢާރަފުވެ، ތަރައްޤީ ވެގެން އައި ގޮތާބެހޭ ދިރާސާތަކާއި ދިވެހިބަހާއި ސަގާފަތުގެ އިތުރުން އިހުގެ އިސްލާމީ ފަރުމާތަކާބެހޭ ދިރާސީ ހުށައެޅުންތައް ހިމެނެއެވެ. އަދި ދިވެހިރާއްޖެ އުފެދިފައިވާގޮތުގެ ޢިލްމީ ކަރުދާސްތައްވެސް މަހާސިންތާގެ ބައިވެރިންނާ ޙިއްސާކޮށްފައިވެއެވެ. މަހާސިންތާ ކުރިއަށްގެންދިޔައީ 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ކަޅުއޮށްފުންމި - ދިވެހި ޤައުމިއްޔަތުގެ ދަރުބާރުގެ ނަމުގައި ފަށާފައިވާ ސިލްސިލާ މަހާސިންތާތަކުގެ ބޭނުމަކީ ދިވެހިވަންތަކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ބައިވެރީންގެ މެދުގައި ވިސްނުމާއި ޢިލްމު ހިއްސާކުރުމުގެ ޕްލެޓްފޯމެއް ޤާއިމްކޮށްދިނުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ދިވެހިންގެ ރަށްވެހިކަމާއި ވަޒަންވެރިކަމަށް މަގުފަހިވާނެ ވިސްނުމާއި ޢިލްމުތައް ރާއްޖެއަށް ވެހިކުރުމަށް ހިތްވަރުދީ ކުރިއެރުވުމަކީވެސް މި މަހާސިންތާގެ އެއް ބޭނުންކަމަށް ދިވެހިބަހާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަހާސިންތާ ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޤައުމިއްޔަތު ކޮލެޖުގެ ތާރީޚުގެ އިސްވާރު އަޙްމަދު ޝާކިރު ވިދާޅުވީ ދިވެހި ޤައުމިއްޔަތު، ދިވެހިންގެ ޒަމާންވީ ރީތި ސިފަތައް އަލުން ދިވެހިންގެ ކިބައިގައި އަށަގެންނެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދެއް ކަމަށެވެ. އަދި ވަޢުދު ފުރިހަމަކުރުމަށް ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފެދި، އޭގެ ފުރަތަމަ ބައްދަލުވުން ވަރަށް ކާމިޔާބުކަމާއެކީ ކުރިއަށްގޮސްފައިވާކަމަށް ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ މިއަހަރުގެ ހުޅަނގު މޫސުމުގެ މަހާސިންތާގައި މިވަގުތަށް ދިވެހިންގެ ކިބައިގައި ޤައުމިއްޔަތުގެ ރޫޙު އާލާކުރުމަށް ބޭނުންވާ މުހިންމު ޢިލްމީ ކަރުދާސްތަކެއް ހުށައެޅިފައިވާ ކަމަށެވެ.

"އިސްލާމީ ޔުނިވަރސިޓީން ދީނާ ބެހޭ މުހިންމު ކަރުދާސްތަކެއް ހުށައަޅައި މަޢުލޫމާތު ދެއްވި. ދިވެހިބަހުގެ އެކެޑެމީން ދިވެހި ބަހާބެހޭ މުހިންމު ކަރުދާހެއް ހުށައެޅުއްވި. އަޅުގަނޑު ދަންނަވާނީ މި ދަރުބާރުގައި ހުށައެޅިގެން މިދިޔައީ މިވަގުތަށް ދިވެހި ޤައުމިއްޔަތު އަލުން އިޢާދަކުރުމަށް ބޭނުންވާ މުހިންމު ކަރުދާސްތަކެކޭ." ޝާކިރު ވިދާޅުވިއެވެ.

މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޤައުމީ ޢަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް އާމިރު އަޙްމަދު ވިދާޅުވީ ޤައުމިއްޔަތު އަލުން އިޢާދަކޮށް، ހަރުދަނާކުރުމަށާއި ދިވެހި ޤައުމިއްޔަތުގައި ހިމެނޭ މުހިންމު ސިފަތައް ދިވެހިންގެ ކިބައިގައި އަށަގެންނެވުމުގައި މި މަހާސިންތާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

"އުންމަީދަކީ މަހާސިންތާ މުސްތަޤުބަލުގައި އިތުރަށް ވަރުގަދަވުން. އަދި ޤައުމިއްޔަތުގެ ރޮނގުން އައު ކަންކަން ޙާސިލްކުރެވި، މި ދާއިރާ އައު އުސްމިނަކަށް ގެންދެވުން." އާމިރު ވިދާޅުވިއެވެ.

މިމަހާސިންތާގެ ބައިވެރިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ މިއީ ޤައުމިއްޔަތާ ގުޅުންހުރި މުހިންމު މަޢުލޫމާތު ލިބުނު މަހާސިންތާއެއް ކަމަށެވެ.

"ދިވެހި ޤައުމިއްޔަތާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދިޔަ މަހާސިންތާއެއް." ބައިވެރިއަކު ބުންޏެވެ.

މަހާސިންތާގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ބައިވެރިވެފައިވެއެވެ.