ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަޔަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ދެވަނަ މަގާމު އެތުލެޓިކޯ މެޑްރިޑުން ހޯދައިފިއެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު އެތްލެޓިކޯ މެޑްރިޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން 32 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަށް 15 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް 13 މެޗުން ލިބިފައިވަނި 30 ޕޮއިންޓެވެ. ރެއާލް ވަޔަޑޮލިޑް އަށް 15 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުގަ އެވެ.
ރަށުން ބޭރުގައި އެތްލެޓިކޯ މެޑްރިޑް ކުޅުނު މި މެޗުގެ 26 ވަނަ މިނިޓުގައި ކްލެމެންޓް ލެންގްލެޓް ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އެތްލެޓިކޯ މެޑްރިޑް އިން މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގެ 35 ވަނަ މިނިޓުގައި ޖޫލިއަން އަލްވަރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި އޭގެ ދެ މިނިޓް ފަހުން އާޖެންޓީނާގެ ރިޑްރިގޯ ޑިޕޯލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެތްލެޓިކޯ މެޑްރިޑް އިން އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ލަނޑެއް ނޫން ކަމަށް ނިންމާފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި އެތްލެޓިކޯގެ އެންޓޮއިން ގްރީޒްމަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އެލެކްޒެންޑަރ ސޯލޮތް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.