ޚަބަރު

މިހާތަނަށް ފުލުހުންގެ ޚިދުމަތް ނުފެށޭ 40 ރަށުގައި 2 އަހަރުތެރޭ ޚިދުމަތް ފެށުމަކީ އަމާޒެއް: ސީޕީ ޝުޖާޢު


  • 1 އަހަރު ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައިވޭ

  • 2026 ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށާނެ

އަމާޒަކީ 2026 ވަނަ އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ސަރުކާރު ބަދަލުވިފަހުން މިވީ 1 އަހަރު ދުވަހުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތް ފަށާފައިވާ ކަމަށެވެ. މިއާއެކު މީހުން ދިރިއުޅޭ 147 ރަށެއްގައި މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވުނީކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ބާކީ އޮތް 40 ރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުންކަމަށެވެ.

ރަށްރަށުގެ ފުލުސް ޕޯސްޓުތަކުގައި މަސައްކަތްކުރާ ފުލުހުންގެ ހަރަކާތްތައް މިހާރު ވަރަށް ބޮޑަށް އިތުރުކުރެވިފައިވާކަންވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފާހަގަކުރައްވާފައެވެ.

"ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް މަސައްކަތް ކުރެވިފައިވޭ. މީގެ ކުރިން ބައެއް ރަށްރަށުގައި ކަމެއް ނެތިއްޔާ ޕޮލިސް ސްޓޭޝަންގައި ތިބެ ޑިޔުޓީ ނިންމާލުން ސަގާފަތަކަށްވެފައި އޮންނަނީ. އެހެންނަމަވެސް މިހާރު ޑިޔުޓީގައި ރައްޔިތުންނާ ގާތުން، ފުލުހުން ތިބެން ރައްޔިތުން ބޭނުންވާ ތަންތަނުގައި ފުލުހުން ހަރަކާތްތެރިވާނެ" ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ރަށްރަށުގައި ސްކޫލްތައް ފެށޭ އަދި ނިމޭ ގަޑިއާއި ބަނދަރުމައްޗާއި، ކުށްކުރާނެހެން ހީވާ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ. އަދި އެތަންތަނުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު ކުރިއަށްވުރެ ވަރަށް ބޮޑަށް އިތުރުވެފައިވާކަން ގިނަ ކައުންސިލްތަކުން ފާހަގަކުރަމުންދާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ފުލުހުންނަކީ ހަރަކާތްތެރި ބަޔަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރަށްރަށުގައި ފުލުހުންގެ ހަރަކާތްތއް އިތުރުކުރުމުގެ އިތުރުން ވެރިރަށް މާލޭގެ މަގުމަތީގެ އަމާންކަން ކަށަވަރުކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ޒޯންތައް ބަހާލައިގެން ޑިޕްލޮއިކޮށްފައިވެއެވެ.