ޚަބަރު

އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި އާސެނަލް އާއި ޔުނައިޓެޑް


އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރަން ޖެހިއްޖެ އެވެ.

އަންނަ ޖެނުއަރީ މަހުގެ 11 ވާ ހޮނިހިރު ދުވަހު އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު ޕްރިމިއާ ލީގުގައި ވާދަކުރާ ވަރުގަދަ އެހެން ކްލަބްތަކަށް ތިންވަނަ ބުރުގައި ކުޅެން ޖެހެނީ އާދައިގެ ކްލަބް ތަކާއި ދެކޮޅަށެވެ.

އެގޮތުން މެންޗެސްޓަރ ސިޓީ އާއި ސަލްފޯޑް ބައްދަލު ކުރާއިރު ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލް ނިކުންނާނީ ދެވަނަ ޑިވިޝަނުގެ އެކްރިންޓަން ސްޓޭންލީ އާއި ދެކޮޅަށެވެ. އަދި މި މުބާރާތުގެ ތިންވަނަ ބުރުގައި ޗެލްސީ ނިކުންނާނީ މޯކެމްބޭ އާއި ދެކޮޅަށެވެ.

މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ނިކުންނަ ސަލްފޯޑްގެ މަސްއޫލުވެރިންގެ ތެރޭގައި ހިމެނެނީ ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނުގެރީ ނެވިލް, ރަޔާން ގިގްސް, ޕިލް ނެވިލް, ނިކީ ބަޓް އާއި ޕޯލް ސްކޯލްސްގެ އިތުރުން ޑޭވިޑް ބެކަމް އެވެ.

އެފްއޭ ކަޕްގައި ހިމެނޭ ޓީމުގެ ތަކުގެ ތެރެއިން ރޭންކިންގެ އެންމެ ދަށުގައި އޮތް ޓެމްވޯތް ނިކުންނާނީ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށެވެ. މީގެ އިތުރުން އެވަޓަން އާއި ދެކޮޅަށް ޕީޓަރބަރޯ ނިކުންނައިރު މި މެޗުގައި އެވަޓަންގެ ޑިފެންޑަރ އެޝްލީ ޔަންގްގެ ދަރިފުޅު ޓައިލާ އޭނާ އާއި ދެކޮޅަށް ނިކުންނާނެ އެވެ.