ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް މުޙައްމަދު ޒާހިރު ނަޞީރުގެ ތަޢުބީނުގެ ޖަލްސާ މިރޭ ބާއްވަވަން ހަމަޖައްސަވައިފިއެވެ.
ރާއްޖޭގެ ކުޅިވަރަށް އެންމެ ބޮޑު ޚިދުމަތްތަކެއް ކޮށްދެއްވި ކުޅިވަރުގެ ބައްޕަ މުޙައްމަދު ޒާހިރު ނަޞީރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މެއި މަހުގެ 24 ވަނަ ދުވަހު ރޭ ފަތިހުގެ ވަގުތެއްގައެވެ. މުޙަންމަދު ޒާހިރު ނަޞީރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ގިނަދުވަސްތަކެއް ވުމަށްފަހުއެވެ. އެމަނިކުފާނު އަވަހާރަވިއިރު ޢުމުރުފުޅަކީ، 87 އަހަރެވެ.
މުޙަންމަދު ޒާހިރު ނަޞީރަކީ މެދުނުކެނޑި ފަސްދޮޅަސް ނުވަ އަހަރު ދިވެހި ކުޅިވަރަށް ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގުމުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް މުޙަންމަދު ޒާހިރު ނަޞީރަށް ވަނީ ލިބިވަޑައިގެންފައެވެ.
މުޙަންމަދު ޒާހިރު ނަޞީރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ.