ޚަބަރު

ޑި ބްރޭނާއާ ދެމެދު މައްސަލައެއް ނެތް ކަމަށް ގާޑިއޯލާ ބުނެފި


މެންޗެސްޓާ ސިޓީގެ ކެޕްޓަން ކެވިން ޑި ބްރޭނާއާ ދެމެދު އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށާއި، އޭނާގެ އަސްލު ކުޅުން ދެއްކޭނެ ވަގުތަކަށް ކެތް މަދުވެފައިވާ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޑި ބްރޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ފަސް މަސް ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިތާ ގިނަ ދުވަސްތަކެއް ނުވެ ދެވަނަ ފަހަރަށް އަނިޔާވެ ދެމަސް ދުވަސް އޭނާ ވަނީ ކުޅުމާއި ދުރުގައި ހުރެފައެވެ.

އަނިޔާއިން ރަނގަޅު ވުމަށްފަހު މިދިޔަ މަހު އަލުން ކުޅުމުގެ ތެރެއަށް އައި ޑި ބްރޭނާ، ފަސް މެޗުގައި ގާޑިއޯލާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބޭނުންކޮށްފައެވެ. އަދި އެންމެ ފަހުން ލިވަޕޫލް އަތުން ސިޓީ ބަލިވި މެޗުގައި އޭނާ ފަހު 12 މިނިޓުގައި ވަނީ ބޭނުންކޮށްފައެވެ.

ގާޑިއޯލާ ބުނެފައިވަނީ ޑި ބްރޭނާއަށް އަދިވެސް އޭނާގެ އަސްލު ކުޅުމަށް އެނބުރި އަންނަން ވަގުތު ނަގާނެ ކަމަށާއި، އޭނާއަށް މިހާރު 33 އަހަރު ވެފައިވާއިރު ކުރިން އޭނާ ދެއްކި ކުޅުން ނުދެއްކޭނެ ކަމަށެވެ. އަދި އޭނާއާއި އެކު 9 އަހަރު ހޭދަކުރުމަށްފަހު މިހާރު ޖެހޭނެ ވަކި މައްސަލައެއް ނެތް ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

ސިޓީއާ ގާޑިއޯލާ ހަވާލުވުމަށްފަހު އެ ޓީމުން ހޯދާފައިވާ ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޑި ބްރޭނާއާ ގުޅޭ ގޮތުން ގާޑިއޯލާ އިތުރަށް ބުނެފައިވަނީ އިދިކޮޅު ޓީމުގެ ޕެނަލްޓީ އޭރިއާ ތެރޭގައި އެންމެ ނުރައްކާތެރި ކުޅުމެއް ދައްކާ ޑި ބްރޭނާ އަކީ އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އަދި އޭނާ އެއްކޮށް ފިޓްވެ އަލުން ކުޅުމުގެ ތެރެއަށް އަންނާނެ ވަގުތަކަށް ކެތް މަދުވެފައިވާ ކަމަށެވެ.

މި ސީޒަނުގެ ނިޔަލަށް ޑި ބްރޭނާއާ ސިޓީއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު, އެއްބަސްވުން އައުކުރުމާއި ގުޅޭ ގޮތުން ފަށާފައިވާ ވާހަކަތައް މެދު ކެނޑިފައިވާކަމަށް ޑި ބްރޭނާ ވަނީ މީގެ ކުރިން ބުނެފައެވެ.