ޖަރުމަން ކަޕުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބަލިވެ، މުބާރާތުން ވަރުގަދަ ބަޔާން މިއުނިކް ކަޓައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ކުޅުނު މި މެގެ ގިނަ ވަގުތު ބަޔާން މިއުނިކުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 17 ވަނަ މިނިޓުގައި ބެޔާން މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާއަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. ނޯޔާއަށް ރެފްރީ ރަތް ކާޑު ދައްކާފައިވަނީ އޭރިޔާ ބޭރުން ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮންގަށް ފައުލް ކުރުމާއި ގުޅިގެންނެވެ.
ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބަޔާން މިއުނިކުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް، އެ ޓީމުން ވަނީ މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް މަދުން ނަމަވެސް ހޯދާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވާއިރު, މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި ލެވަކޫސަނަށް ކާމިޔާބުކޮށްދީފައިވަނީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ބާންލީ އާއި ސައުތެމްޓަނަށް ކުޅުނު ނަތަން ޓެލާ އެވެ.
އަނިޔާގެ ސަބަބުން ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭން ނުލައި އެ ޓީމުން ކުޅުނު މި މެޗުގެ ދެވަނަ ހާފުގައި ބަޔާން މިއުނިކްގެ ކިންގްސްލީ ކޯމަން އާއި ކިމް މިން-ޖައިއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
މި މުބާރާތް 20 ފަހަރު މަތިން ކާމިޔާބު ކޮށްފައިވާ ބަޔާން މިއުނިކަށް 2020 ވަނަ އަހަރުގެ ފަހުން އަދި މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި ލެވަކޫސަންގެ ކޯޗުކަމާއި ޒަބީ އަލޮންސޯ ހަވާލުވިފަހުން އެ ޓީމު އަދި މިހާތަނަށް ޖަރުމަން ކަޕްގެ މެޗަކުން ބަލިވެފައެއް ނުވެއެވެ.