ސްޕެއިންގެ ލަލީގާގައި ރޭ އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.
ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
ރެއާލް މެޑްރިޑްގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައިވާ ވިނިޝިއަސް ޖޫނިއަ ނުލާ ރެއާލް މެޑްރިޑް އިން ކުޅުނު މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށްވަނަ މިނިޓުގައި އެތްލެޓިކްގެ އެލެކްޒެންޑަރ ބެރެންގޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އެތްލެޓިކް އިން ލަނޑު ޖަހާ ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް އެތްލެޓިކްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެންޓޯނިއޯ ރުޑިގާ އަށް ފައުލް ކުރުމާއި ގުޅިގެން ރެއާލް މެޑްރިޑަށް ރެފްރީ ވަނީ ޕެނަލްޓީ އެއް ދީފަ އެވެ. ނަމަވެސް ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ އެތްލެޓިކްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައިވެސް އެމްބާޕޭ ޖެހި ޕެނަލްޓީ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުގެ 78 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން އެތްލެޓިކްގެ ގޯކާ ގުރުޒެޓާ ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މި މެޗުގައި ކުރި ހޯދާފަ އެވެ.
މި މެޗުން މޮޅުވެ އެތްލެޓިކް އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ 16 މެޗުން 29 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތަރުވަނަ އަށް އަރާފަ އެވެ. ރެއާލް މެޑްރިޑަށް 15 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު އެ ޓީމު އޮތީ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 37 ޕޮއިންޓެވެ.