އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް ބްރައިޓަން ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ފުލަމް މޮޅުވެއްޖެ އެވެ. މިއީ މި ސީޒަނުގެ ލީގުގައި ބްރައިޓަން ބަލިވި ތިންވަނަ މެޗެވެ.
ބްރައިޓަން މި މެޗުން ބަލިވި ނަމަވެސް އެޓީމަށް 14 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. ފުލަމް އަށް ލިބިފައިވަނީ 22 ޕޮއިންޓާއެކު ހަވަނަ އެވެ.
ފުލަމްގެ ކްރެވަން ކޮޓޭޖް ގައި ސައްބީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ފުލަމްގެ އެލެކްސް އިވޯބީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ބްރައިޓެންގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އިވޯބީ ޖަހާފައިވާ ލަނޑެކެވެ.
ބްރައިޓަން އިން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ކާލޯސް ބަލޭބާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ދެވަނަ ފަހަރަށް ފުލަމް އަށް ކުރި ލިބިފައިވަނީ މެޗުގެ 79 ވަނަ މިނިޓުގައި ބްރައިޓަންގެ މެޓް އޮރިލޭ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުންނެވެ. މި ލަނޑު ވަނުމުގެ ކުރިން އެ ބްރައިޓަން އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
ފުލަމް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އިވޯބީ އެވެ.